އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށް މިމަހު 29 އަދި 30 ވާ ހަފުތާ ބަންދުގައި ވަރަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އާއިލާ އާއި ރައްޓެހިންނާ އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތުދިނުމުގެ ގޮތުން، ކަލަރ ރަން އާ އެކު ޖުމުލަ ހަތަރު ހަރަކާތެއް މިމަހުގެ 29 އަދި 30، ދެ ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދަން އުރީދޫން ވަނީ ހަމަޖައްސާފައެވެ.
މި ހަރަކާތްތަކާބެހޭ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތައް ނުވަތަ ވެބްސައިޓް ތަކުން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އުރީދޫ މޫދު މަޖަލަކީ، އާއިލާ އާއި ރައްޓެހިންނާއި އެކު މޫދަށްގޮސް، ތަފާތު މޫދު ކުޅިވަރުތަކާއި މުބާރާތްތައް ހިމެނޭ ހަރަކާތެކެވެ. އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ކާތަކެތީގެ އިތުރުން ޒަމާނުއްސުރެ ދަތުރުގޮސް ދިވެހިން ކައިއުޅޭ އަނބު މަޖަލާއި މަސްކާށިވެސް ލިބެން ހުންނާނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.
އޫރިދޫ ކައިޠް ފެސްޓިވަލްގައި، މަޑި އެރުވުން، މަޑި ހެދުމުގެ ވޯކްޝޮޕްތައް، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް އަދި ޕާޓްނަރުންގެ ހާއްސަ ސްޓޯލްތައް ހިމެނޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ. މި މުބާރާތްތަކުގައި އަދި ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ.
ތިންވަނައަށް އޮތީ އުރީދޫ ކަލަރ ރަން އެވެ. އުރީދޫ ކަލަރ ރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓަރީ ކުރައްވާފައިވާ ދުވުންތެރިންނަށް ކަމުގައި ވީ ނަމަވެސް، މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންވެލައްވާ ކޮންމެ ބޭފުޅަކަށްވެސް، ހުދު ޓީޝާޓެއް ތުރުކުރައްވައިގެން، އުރީދޫ ކަލަރ ރަން ތަޖުރިބާކޮށްލެވޭނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ހަފުތާ ބަންދުގެ އެންމެ ފަހު އިވެންޓް، ކަލަރ ރަން މިއުޒިކް ފެސްޓިވަލް އަކީ ކަލަރ ރަން ނިމުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑަށް ހާއްސަކޮށްފައިވާ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާއި އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯއިން ހަބޭސް ބޮޑުބެރު، މޫޝާން، އަދި ޒަކިއްޓެ ފަދަ މަގުބޫލު އާޓިސްޓުން ފެންނާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫ ކަލާ ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ ސިއްހަތަށް ފައިދާ ހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ އިވެންޓެކެވެ.