ޚަބަރު

ގާސިމްގެ ލީގަލް އެޑްވައިޒަރަކަށް ލޯޔަރު ވައްޑެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ލީގަލް އެޑްވައިޒަރަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހަމަޖައްސަވައިފިއެވެ.

ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ވައްޑޭ ލީގަލް އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސަން އެޕާޓީގެ ކައުންސިލުން ފުރުސަތު ދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ލޯޔަރު ވައްޑެ، ގާސިމްގެ ލީގަލް އެޑްވައިޒަރަކަށް ހަމަޖެއްސިއިރު އޭނާ ޖޭޕީއަށް ސޮއިކުރެއްވީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.

ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި މިހާރުވެސް ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މެންބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް އެބޭފުޅުންގެ ތެރެއިން މިފަހަކަށް އައިސް ގާސިމްގެ އަރިހުގައި ހުންނަވާތަން ފެންނަނީ އިލްހާމް އެކަންޏެވެ. އަނެއް ދެ ބޭފުޅުން ޖޭޕީގެ ޖަލްސާއެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާ ތަނެއް ނުފެނެއެވެ.