ޚަބަރު

އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކަށް އަލްވަދާއުއެއް ނުކިޔޭނެ: އަލީ ވަހީދު

އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކަށް ދެގައުމުން ކުރެ އެއްވެސް ގައުމަކަށް އަލްވަދާއު ނުކިޔޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެސްއެމްއީ އެންޑް އޮންޓްރަޕްރެނިއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އިންޑިއާ އެކްސްޕޯ 2019" ފެށުމަށް މިއަދު ބޭއްވި ބިޒްނަސް ކޮންކުލޭވްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ އުފެދުނީއްސުރެ އިންޑިއާ އާރި ރާއްޖޭގެ ގުޅުމުގެ ތާރީހަކާއި ސަގާފަތެއް އެބައޮތް ކަމަށެވެ.

އެހެންކަމުން އެއްބަޔަކު އަނެއްބަޔަކަށް އަލްވަދާއު ނުކިޔޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން އެތައް އަހަރުތަކެއް ގެއްލިއްޖެ ކަމަށާއި އެތައް ކަމެއް ހާސިލްކުރަން ވެސް އެބައޮތް ކަމަށެވެ.

އަދި އިންޑިއާ އާއި ރާއްޖެއާއެކު ގާއިމްކުރާ ޕާޓްނާޝިޕް އަކާއެކު ދެގައުމުގެ ރައްޔިތުންނަށް ފާގަތިކަން ގެނެސްދީ، ދެގައުމު އާރާސްތު ކުރުމުގައި އެހީތެރިވެވިދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެކުވެރިކަމާއެކު ޓޫރިޒަމާއި އެހެނިހެން ދާއިރާތަކުން ވެސް ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިއްޖެ ކަމަށެވެ.

އިންޑިއާ އެކްސްޕޯ 2019 އަކީ އިންޑިއާ ކުންފުނިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދިވެހިންނަށާއި ރާއްޖޭގެ ވިޔަފާރި މާކެޓަށް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ އެކްސްޕޯގައި ޖުމްލަ 16 ކުންފުންޏަކުން ބައިވެރިވާއިރު، އިންޑިއާގެ އެކި ކުންފުނިތަކުގެ ޕްރޮފެޝަނަލް ޕެނަލިސްޓުންނާއެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

އެކްސްޕޯގައި ބައިވެރިވާ އެކްޒިބިޓަރުންގެ ތެރޭގައި އެމްއެމް އެކްސްޕޯޓްސް، އެސްބީއައި، އައިލެންޑް ގުރޫޕް، މަރްވާ އިމްޕެކްސް، ސައިބާ ސެކިއުރިޓީ، ރައިން ސޯލާ، އެޑެކްސް އިންޑިއާ - މުމްބާއީ ޑައިވް ޝޯގެ އިތުރުން އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އަދި ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް ހިމެނެއެވެ.

މި އެކްސްޕޯގެ އޮންލައިން ޕާޓްނަރަކީ ވަން އޮންލައިންއެވެ.