ޚަބަރު

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކުރަނީ

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރުކުރަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ބަޔާން ނެގުމަށެވެ. އެގޮތުން މިރޭ ވެސް ބައެއް ފަނޑިޔާރުން ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގަނީ ކޮން މައްސަލައެއްގައި ކަމެއް އަދި އެ މައްސަލައާ ގުޅިގެން ޖޭއެސްސީއަށް ހާޒިރު ކޮށްފައިވަނީ ކިތައް ފަނޑިޔާރުން ކަމެއް ސާފެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން އެކޯޓުން ނިންމާފައިވާ ނިންމުންތައް ނިންމުމުގައި ބައިވެރިވި ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ދާދި ފަހުން ނިންމައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޭއެސްސީން އެކުލަވާލި ކޮމިޓީން ތައްޔާރުކުރި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް"ގައި ހިމެނޭ މައްސަލަތަކާ ގުޅިގެން ބަލަން ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ޖޭއެސްސީގެ ރައީސް އަދި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލައެވެ.

މީގެއިތުރުން ޖޭއެސްސީން ތަހުގީގު ކުރި މައްސަލައަކަށްފަހު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ވަނީ މިމަހުގެ އަށްވަނަ ދުވަހު ނިންމައިފައެވެ.

ނަމަވެސް އުއްތަމަ ފަނޑިހާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަނީ ޖޭއެސްސީން ފޮނުވި ނަސޭހަތުގެ ލިޔުން ބަލައި ނުގަނެ އަނބުރާ އެ ކޮމިޝަނަށް ފޮނުވާލައިފައެވެ.