ފުލުހަކާ ދެކޮޅަށް ހުށަހެޅި ބުލެކްމެއިލްގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، 29 އަހަރުގެ ފިރިހެން ފުލުހަކާ ދެކޮޅަށް ބުލެކްމެއިލް ކުރުމުގެ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި އެ ފުލުސް މީހާ ވެސް އަދި އިތުރު އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރުމުގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ މެދުރާއްޖެ ތެރޭގެ ރަށެއްގައެވެ. އަދި އެ ފުލުސް މީހާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އޭނާގެ އަންހެނުންގެ އާއިލީ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ނަގާ، އެ ފޮޓޯތައް ބޭނުންކޮށްގެން ބުލެކްމެއިލް ކުރަމުންދިޔަ މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.