ޝަހީދާ އަބްދުﷲ ސައީދު
އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިސްލާހުކުރައްވައި، މަހެއްގެ މައްޗަށް އާއިލާއަކަށް ގިނަވެގެން 10،000 ރުފިޔާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ރައީސް އޮފީހުން ބުނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ޖެންޑާ މިނިސްޓްރީން އެ ކަރުދާސް ހުށަހަޅާފައިވަނީ، އެކަނި ކުދިން ބަލަހައްޓާ މަންމައިން އަދި ބައްޕައިންނަށްދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުންދާ ގޮތުން އެހީ ހައްގުވާ ބައެއް ފަރާތްތައް އިސްތިސްނާ ވަމުންދާތީ އެކަން އިސްލާހުކޮށް މުރާޖައާކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅެއް ހޯއްދެވުމަށް ކަމަށެވެ.
އެގޮތުން، 2016 ވަނަ އަހަރު މި އެހީ ދެވޭ އުސޫލަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ފަރާތްތައް މި އެހީން މަހުރޫމްވެފައިވާ ކަމަށާއި އެހެންކަމުން މި ގެނެވޭ އިސްލާޙްތަކާއެކު މިހާރު އެހީ ހައްގުވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގެންނަވަން ނިންމެވި ބަދަލުތަކުގެ ތެރޭގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބަލައި މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ. މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައިވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ.
ނަމަވެސް މިއަދު ގެންނެވި ބަދަލުގައި މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް އިތުރުކުރަން ނިންމެވިއެވެ. އަދި މިހާރުގެ ހާލަތަށް ބަލައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅުއްވާނީ ޖެންޑާ މިނިސްޓްރީން ކަމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސް ވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.