ޚަބަރު

އިސްލާހަށް މަސައްކަތްކުރާ މީހުންނަށް ފިޔަވަޅު އެޅުމަކީ އަނިޔާއެއް: ޑރ. އިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ފަސާދަކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތްކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަކީ އަނިޔާއެއް ކަމަށް އައްޝައިޚު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ, ފިތުނަ ފަސާދަ އުފެދި މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް، އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި މީސް މީޑިއާގައި މީހަކުކުރި ޕޯސްޓަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނިކޮށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެގް ކުރައްވައި ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަސާދަކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތްކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަކީ އަނިޔާއެއް ކަމަށާއި އަނިޔާވެރިންދެކެ ﷲ ލޯބިވެވޮޑިގެން ނުވާ ކަމަށެވެ.

އިޔާޒުގެ އިތުރު ޓުވީޓެއްގައި ވިދާޅުވީ އިލްމުވެރިންގެ އަނގަމަތީ ޓޭޕް އެޅިޔަސް ދިވެހި ރައްޔިތުން އެކަމާދެކޮޅު ހެދުމުގެ ގޮތުން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއީ ފަރުދީ މައްސަލައެއް ނޫން ކަމަށާއި މި ދައްކަނީ ރައްޔިތުން އެފަރާތެއްދެކެ އެންމެ ލޯބިވާ ނަބިއްޔާއަށް ފުރައްސާރަކޮށްގެން އެވާހަކަ ކަމަށް ވެސް އިޔާޒު ވިދާޅުވިއެވެ.

މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ނިރުބަވެރި ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް މީސްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން 27 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ އޭނާ ހައްޔަރުކުރުމުން ބައެއް ފަރާތްތަކުން ގެންދަނީ އޭނާ ދޫކޮށްލުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.