ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާއިރު ވެސް އެކަން ނުކުރައްވާތީ، ކުރެއްވި ހުވާ ކޮބައިތޯ އައްޝައިޚު އަލީ ޒައިދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސުވާލެއް ކުރިމަތިކުރައްވައިފިއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޒައިދު ވަނީ އެމްޑީއެންގެ ރިޕޯޓަށްފަހު، ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި އިލްމުވެރިންނަށް ވަޒީފާގެ ބިރު ދައްކާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ސަރުކާރުން އެމްޑީއެން އާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅުނުއިރު، ޝައިޚުންގެ އަނގަމަތީ ޓޭޕް އަޅަން އުޅޭ އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވިއެވެ.
''މިއޮއްހާ ދުވަހު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސޯޝަލް މީޑިއާގައި ބޭން އެމްޑީއެން ގޮވާއިރު ވެސް ސަރުކާރަށް އަޑު ނީވި، އެމްޑީއެންގެ ފިކުރުގެ ބަޔަކު ޝަކުވާއެއް ކޮށްލާއިރަށް ޝެއިޚުންނަށް ވަޒީފާގެ ބިރުދައްކަނީތޯ. ތިލަފަތް ތިޔަ އޮތީ އެމްޑީއެން ކޮޅަށް ބުރަވެފައި. ކޮބާތޯ ކުރެއްވި ހުވާ,'' ޒައިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވަނީ، އެމްޑީއެން "ބެހިފައިވަނީ" އިސްލާމް ދީނާއި ﷲގެ ރަސޫލާއަށް ކަމުން، އެ ޖަމިއްޔާގެ ރިޕޯޓް ނެރުނު މީހުންނަށް ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
ޝައިހް ޒައިދުގެ އިތުރުން، ފަސާދަކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތްކުރާ މީހުންނާމެދު ފިޔަވަޅު އަޅަމުންދާތީ އައްޝައިޚު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ރައީސް ސޯލިހު ޓެގްކުރައްވާ އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ އަނިޔާއެއް ކަމަށާއި އަނިޔާވެރިންދެކެ ﷲ ލޯބިވެވޮޑިގެންނުވާ ކަމަށެވެ.
ފަސާދަކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތްކުރާ މީހުންނާމެދު ފިޔަވަޅު އަޅަމުންދާތީ ޝެއިހް ޒައިދާއި ޝެއިހް އިޔާޒު ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ނިރުބަވެރި ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް މީސްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ދިޔަ މައްސަލައަކާއި ގުޅިގެން 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވަނި ކޮށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ އޭނާ ހައްޔަރުކުރުމުން ބައެއް ފަރާތްތަކުން ގެންދަނީ އޭނާ ދޫކޮށްލުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.