އިބްރާހިމް ޒަކީ
ޓެކްސް ނެގުމަށް މިހާރު އަމަލު ކުރަމުންދާ ދެ ގާނޫނެއް އުވާލައި، އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެބިލް ގާނޫނަކަށްވެ ޓެކްސް ނަގަށް ފެށާހިސާބުން އުވިގެންދާނެ ކަމަށް ބިލުގައި ކަނޑައަޅާފައިވާ ދެ ގާނޫނަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނުނާއި ރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނެވެ. މީގެ އިތުރުން ހިމެނެނީ ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ގާނޫނެވެ.
ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެސް ޓެކްސް ނަގަންފަށާ ހިސާބުން، އުވާލަން ބިލުގައި ހިމަނާފައިވާ ގާނޫނުތަކުގެ ދަށުން ހިނގަމުންއައި ޓެކުހުގެ ނިޒާމް މި ގާނޫނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ.
މި ދެ ގާނޫނުގެ އިތުރުން އެހެން ބައެއް ގާނޫނުތަކުގެ ޓެކްސްއާބެހޭ ބައެއް ބައިތައްވެސް، މިގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުން އުވިގެންދާނެކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ވިއްކާ ގޯތިން ދައުލަތަށް ޓެކްސް ނެގުމަށް އޮންނަ ބިމާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ (ރ)ގެ ދަށުން ނަގަމުންދާ ޓެކްސް، ބިމާބެހޭ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، އެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ކ)ގެ ދަށުން ނަގަމުން އަންނަ ޓެކްސް، ހަމަ އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ބ)ގެ ދަށުން ނަގަމުން އަންނަ ޓެކްސް، ވަޒީފާއާބެހޭ ގާނޫނުގެ 11ވަނަ ބާބުގެ ދަށުން ނަގާ ރެމިޓެންސް ޓެކްސް އެވެ.
މި ބިލުގައި ފަރުދުންގެ ޓެކްސް ރޭޓާއި، ބޭންކުތަކުުގެ ޓެކްސް ރޭޓާއި، ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކުގެ ޓެކްސް ރޭޓާއި، މުވައްޒިފުންގެ ވިތުހޯލްޑިންގ ޓެކްސް ރޭޓާއި ޓެކްސްތަކާބެހޭ އެންމެހާ ކަންކަން ވަނީ ހިމަނައިފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ، މި ބިލަކީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި އިންސާފުވެރި ޓެކުހުގެ ނިޒާމްއެއް ގާއިމް ކުރުމަކީ ރާއްޖޭގެ އިގްތިސާދަކީ ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ފުދުންތެރި އިގްތިސާދަކަށް، ހެދުމަށްޓަކައި ސަރުކާރުން އެޅުމަށް ގަސްތު ކޮށްފައިވާ މުހިއްމު އެއް ފިޔަވަޅު ކަމަށެވެ.
އޭގެ ތެރޭގައި މިހާރު ތައާރަފްކޮށްފައިވާ ޓެކުހުގެ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމާއި، ޓެކުހުގެ އާނިޒާމްތައް ތައާރަފްކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ
"މި ބިލު ހުށަހެޅުމުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ބައްޓަން ކޮށްފައިއޮތީ ކުންފުންޏާއި ޕާޓްނާޝިޕާއި ކޯޕަރޭޓިވް ސޮސައިޓީ ފަދަ ވިޔަފާރި ތަންތަނެކޭ އެއް އުސޫލަކުން ވަކި ވަކި ފަރުދުން ހިންގާ ވިޔަފާރިތަކުންނާއި، އެފަދަ މީހުން ވިޔަފާރި އުސޫލުން ކުރާ އަމިއްލަ މަސައްކަތުންވެސް ޓެކްސް ނެގޭގޮތަށް ކަމުގައިވާތީ ފަރުދުންގެ އަތުން ނެގޭ ޓެކުހަކީ ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހެއް ކަމުގައި ހަމަޖައްސައި، އެގޮތުން ޓެކްސްނެގޭ އާމްދަނީ ހަތަރު ގިންތިއަކަށް ބަހާލައި އެ ހަތަރު ގިންތީގެ ތެރެއިިން ކޮންމެ ގިންތިއަކަށް ޓެކްސް ދައްކަންޖެހޭ ރޭޓެއް ކަނޑައަޅައި، އެ ރޭޓުން ފަރުދުންގެ އާމްދަނީން ދައުލަތަށް ޓެކްސް ނެގުމުގެ އިންތިޒާމް ގާއިމްކޮށް، އެ ޓެކްސް ނެގުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ވަކި ގާނޫނެއް ތައާރަފް ކުރުން،" ބިލުގައި ބުނެފައިވެއެވެ.