ޚަބަރު

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެމްއެންޔޫގެ ލެކްޗަރާއިން ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް އަންގައިފި

1

އިސްލާމް ދީނަށާއި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުނުކުރުމަށް އަންގައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ފޮނުވި އެންގުމެއްގައި އެގޮތަށް އަންގަވާފައިވަނީ ސަރުކާރަށް އެކަން ފާހަގަވެ، އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކުރަމުންދާތީ ކަމަށް ބުނެއެވެ.

އެމްއެންޔޫގެ ހުރިހާ މުވައްޒަފުންނަށް ޗާންސެލަރު ހަމީދު ފޮނުވާފައިވާ އެންގުމުގައި ވިދާޅުވެފައިވަނީ، އެ ރިޕޯޓާ ނުތަނަވަސްކަން އުފެދިފައިވާ ވަގުތެއްގައި، ޔުނިވާސިޓީގެ ބައެއް ލެކްޗަރާއިން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖުތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން އެ ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުންދާކަން ފާހަގަކުރައްވާ މެސެޖުގައި ވިދާޅުވީ، ޔުނިވާސިޓީގެ މުދައްރިސުންނަކީ ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކަށްވާއިރު، އެބޭފުޅުންގެ ފަރާތުން އެފަދަ ކަންކަން ތަކުރާރުވާނަމަ އެއީ މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށެވެ.

"އެހެންކަމުން، މި މުއައްސަސާގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމައުގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިޔާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވަރސިޓީގައި އެދިވަޑައިގެންފައި ވެއެވެ،" ޗާންސެލަރުގެ އެންގުމުގައިވެއެވެ.

އަދި ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަހުލާގީ ކޯޑްގައިވާ ހަމަތަކާއި ގާނޫނުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ޗާންސެލަރު ހަމީދުގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟