ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތްދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ފޮނުވި ނަސޭހަތުގެ ލިއުމުގެ ތެރެއިން އުއްތަމަ ފަނޑިހާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު، އެ ބޭފުޅުންގެ ލިއުން ބަލައި ނުގަނެ އަނބުރާ ޖޭއެސްސީއަށް ފޮނުވާލައިފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދަށް އެލިއުން އަނބުރާ ކޮމިޝަނަށް ފޮނުވާލީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއަކާއި ހިލާފުވެފައި ވާތީއެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އެ ކޯޓަށް ސިޓީ އާއި ލިޔެކިޔުން ފޮނުވަން ޖެހެނީ އެ ފޮނުވާ އިދާރާއެއްގެ ވެރިޔާ ސޮއިކޮށްފައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ އުއްތަމަ ފަނޑިހާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން، ފަނޑިޔާރު އަބްދުﷲ އަރީފަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ނިންމީ މި މަހުގެ އަށްވަނަ ދުވަހުއެވެ.
އެއީ އެ ތިން ފަނޑިޔާރުންނާއި ގުޅޭ މައްސަލައެއް ކޮމިޝަނުން ތަހުގީގު ކުރުމަށްފަހުއެވެ.
އެ ތިން ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ ރައީސް ކަމުގައިވާ ފަނޑިޔާރު އަބްދުﷲ އަރީފުގެ ނަސޭހަތުގެ ލިއުން ގަބޫލު ކުރެއްވިކަން އަދި އެނގިފައެއް ނުވެއެވެ.