ވޮލީބޯޅަ އެސޯސިއޭޝަނުގެ ކޮންގްރެސްއެއް ބާއްވަން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު، ހީނާ އަހުމަދު ސަލީމް އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމެޓީ ބަލައިނުގަންނަ ކަމަށާއި ނުފޫޒުގެ ދަށުން ބާއްވާ އިންތިހާބެއް ބަލައިނުގަންނާނެ ކަމަށް ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ އެފްއައިވީބީން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިހެން ބުނީ، ނޯމަލައިޒޭޝަން ކޮމެޓީން މި މަހުގެ 24 ވަނަ ދުވަހު ބާއްވަން އިއުލާނުކޮށްފައިވާ ކޮންގްރެސްގައި ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމަށް ވާދަކުރައްވަން ގަސްދުކުރައްވައި، އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސްކަން ކުރެއްވި މުހައްމަދު ރިޔާޒް ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުގަ އެވެ.
ރިޔާޒް އެފްއައިވީބީއަށް ސިޓީ ފޮނުއްވީ، އޭނާ ވީއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަން ގަސްދުކުރައްވާތީ، އެ އިންތިހާބުގެ ނަތީޖާ އެފްއައިވީބީން ބަލައިގަންނާނެކަން ކަށަވަރުކުރުމަށް ޓަކައި ކަމަށް ރިޔާޒު ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ރިޔާޒް ދާދި ދެންމެ ވިދާޅުވީ މައްސަލަ ހައްލުކުރަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި ވޮލީއަށް ގެއްލުންވެ ކުޅިވަރު ހަލާކުވުމަކީ ސަރުކާރުން ވެސް އަދި ކުލަބުތަކުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށެވެ.
ނޯމަލައިޒޭޝަން ކޮމެޓީން ބާއްވާ، ވީއޭއެމްގެ ހިންގާ ކޮމެޓީގެ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ބައިނަލް އަގުވާމީ ވޮލީބޯޅަ ޖަމިއްޔާއިން ބުނެފައިވާ އިރު، މީގެ ކުރީން ވެސް އެ ޖަމިއްޔާއިން ވަނީ އެ ކޮމެޓީ ބަލައި ނުގަންނަ ކަމަށާއި ބަލައިގަންނަނީ އިންތިހާބީ ހިންގާ ކޮމެޓީ ކަމަށް ބުނެފަ އެވެ.