ޚަބަރު

ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭގޮތަށް ގާނޫނު އިސްލާހު ކޮށްފި

އިބްރާހިމް ޒަކީ

1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިލެވޭގޮތަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ، ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް، ނުވަތަ ރައްކާތެރިކަން ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ ދިހަ އަހަރު ފަހުން ކަމަށް ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި މި އިސްލާހު މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން ވޯތު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނުގައި މިހާރު އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެެއްގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި އެމީހަކީ ދިވެހި މަންމަ އަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައި ވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުމާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ކަމަށެވެ.

ގާނޫނަށް މި އިސްލާހު ގެނަސް ފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖައްސާގައެވެ.

މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މި އިސްލާހަކީ ސީދާ ރައީސް ނަޝީދަށް އަމާޒު ކޮށްގެން އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިޔަ ނުދެއްވުމަށް ގާނޫނަށް ގެނައި އިސްލާހެއް ކަމަށެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟