އިބްރާހިމް ޒަކީ
އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ (މިނިމަމްވޭޖް) ކަނޑައެޅުމުގައި ބިދޭސީންނާއި އެއްހަމައެއްގައި އެއް މިންގަޑެއްގައި، އެކަށީގެންނުވާ މިންވަރަކަށް ނިންމައިފިނަމަ ރާއްޖޭގެ އިގުތިސާދު އިނދަޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ބަލަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެކަމުގައި ރާއްޖޭގެ ހާލަތަށްވެސް ބަލަންޖެހޭކަމަށެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ތިބި 18 އަހަރުން މަތީގެ މީހުންނާ އެއްވަރަށް، ދެލައްކަ ފަންސާސްހާސް މީހުންނަށްވުރެގިނަ ބިދޭސީން އެބަތިބި ކަމަށެވެ. އަދި ރާއްޖޭގެ ލޭބާފޮސްގެ އެންމެ އާދައިގެ މަސައްކަތްތަކުގެ އުޅެނީ ބިދޭސީން ކަމަށާއި އޭގެ ތެެރެއިން ގަވާއިދާ ހިލާތަށް އުޅޭ ބިދޭސީންގެ އަދަދުވެސް ފަސްދޮޅަސް ހާހާއި އެއްލައްކައާ ދެމެދަށް އަރާ ކަމަށެވެ.
އެހެންކަމުން ބަލަންވާވަރަށް ނުބަލައި މިނިމަމްވޭޖް ކަނޑައަޅައިގެން، ގައުމަށް ލިބޭ އެއްޗަކަށްވުރެ ގިނަ އެއްޗެހި ބޭރުވާން ވެއްޖެނަމަ މުޅި ގައުމުގެ އިގުތިސާދު ފުނޑު ފުނޑުވެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ފައިސާގެ އަގަކީ ހިފާއްޓަންޖެހޭ އެއްޗެއް ކަމަށެވެ.
ބޭރުމީހުންގެ މުސާރައަށް ފައްސަތޭކަ މިލިޔަނަށްވުރެ ގިނަ ޑޮލަރު މިހާރުވެސް ރާއްޖޭން ބޭރުވާކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، އެ މުސާރަ އަނެއްކާ ތިން ގުނައަށް ބޮޑުވާގޮތަށް އެމިނިމަމްވޭޖް ކަނޑައަޅައިފިނަމަ ރާއްޖޭގެ އިގުތިސާދު ފުނޑު ފުނޑުވެ ކުދި ކުދި ވިޔަފާރިތައް ސުންނާފަތިވެގެން ހިނގައިދާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ބޭރު ލޭބަރުންނަށް މިހާރުދޭ މުސާރައަކީވެސް އެ މީހުންގެ ގައުމުތަކުގެ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ މިނިމަމްވޭޖް ކަނޑައަޅާއިރު އެކި މަސައްކަތްތައް ކެޓަގަރައިޒް ކުރެވެން ޖެހޭނެ ކަމަށެވެ.