ޚަބަރު

ރައީސްގެ އެޑްވައިޒަރަކަށް މުހައްމަދު ޝިހާބު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް މާފަންނު ބަގީޗާ މުޙައްމަދު ޝިހާބު، އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވަނީ ޝިހާބަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ. މީގެ މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޅ.ހިންނަވަރު، ހިޔާވަހި، މުހައްމަދު މާހިރު އީސާ އައްޔަން ކުރައްވާ އޭނާއާވެސް ރައީސް ވަނީ މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައެވެ.

މިއަދު ރައީސް ސޯލިހު އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެވުނު ޝިހާބަކީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން މަޖިލީހުގެ މެމްބަރުކަން އަދާކުރެއްވި ބޭފުޅެކެވެ. އަދި ޝިހާބު ވަނީ ރައްޔިތުން މަޖިލީހުގެ ރައީސްކަމާއި، ދެ ވުޒާރާއެއްގެ ވަޒީރުކަންވެސް އަދާކޮށްފައެވެ. މީގެ އިތުރުން ޝިހާބު ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުވެސް އަދާކޮށްފައެވެ. އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީން މަތީ ތައުލީމު ހާސިލް ކުރެއްވި ޝިހާބް ވަނީ މިނޫންވެސް ސަރުކާރުގެ އެކި އިދާރާތަކުގެ އިސް މަގާމުތައް އަދާކުރައްވާފައި ކަމަށޤ ރައީސް އޮފީހުން ބުނެއެވެ.

ޝިހާބުގެ އިތުރުން މިއަދު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެވުނު މާހިރަކީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ޅ.އަތޮޅުގެ ކައުންސިލަރުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.