ޚަބަރު

މިނިމަމްވޭޖް ކަނޑައެޅުން އަވަސް ކުރަން އިލްތިމާސްކޮށް ގަރާރު ހުށަހަޅައި ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

މަސައްކަތްތެރިންނަށް އެއްމެ ކުޑަމިނުން ދެވޭނެ އުޖޫރަ ގާނޫނަކުން ކަނޑައެޅުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ހަލުވިކަމާއެކު ނިންމަވައި ދެއްވުމަށް ސަރުކާރަށް އިލްތިމާސްކޮށް ގާރާރު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ.

މިގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އަދަދު، ގާނޫނުން ކަނޑައެޅުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގެ ވައުދުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.

އެޖެންޑާ 19 ގައި މަސއްކަތް ތެރިންނަށް ވެފައިވާ އެންމެ މުހިއްމު އެއް ވައުދަކީ ވެސް އެ މަސައްކަތްތެރީން ނަށް ވަޒީފާ އަދާ ކުރުމުގައި އެންމެ ދަށްވެގެން ލިބޭނެ އުޖޫރައިގެ މިންވަރު ކަށަވަރުވެފައި އޮތުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ގާނޫނުން އެ މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތްވެފައި އޮތުން ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، އެމްޑީޕީގެ ވިސްނުމަކީ ދިވެހި ޒުވާނުން ހުނަރުވެރި ކުރުވައި ރާއްޖޭގެ މަސައްކަތުގެ ބާޒަރުގައި ދިވެހިން ޝާމިލްވެ އުޅުމުގެ ފުރުސަތު އެތައް ގުނައަކުން އިތުރު ކުރުން، ކަމަށާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ދިވެހިން ތިބިނަމަ އެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭގޮތަށް ގާނޫނުން ލާޒިމް ކުރުން ކަމަށެވެ.

މެންބަރު ވިދާޅުވީ، މަޖިލީހަށް ގަރާރު ފޮނުވައިގެން މިހާތަނަށް ކުރެއްވި މަސައްކަތުން، ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިިން އެންމެ އިންތިޒާމުވެގެން އެއްމެ އަވަސް ސްޕީޓެއްގައި ކުރިއަށް ގެންދަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ އިގުތިސާދަށް އަަންނާނެ ބަދަލުތަކާއި ލޮޅުންތަކާ ބެހޭ ސާވޭ ދަނީ ކުރަމުން ކަމަށާއި، ކުރިއަށްއޮތް ދެމަސް ދުވަހުގެ ތެރޭގައި އެކަމާބެހޭބިލެއް ތައްޔާރުކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެކަމަށް، އެނގިވަޑައިގެންފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.