ގާނޫނުގައިވާ ގޮތުގެ މަތީން ސަރުކާރު ހަވާލުކުރުމުގެ މަސައްކަތް ލަސްނުކޮށް ފެއްޓެވުމަށް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާ ވާދަކޮށް، ކާމިޔާބުކުރެއްވި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވައިފި އެވެ.
އިންތިހާބު ކާމިޔާބުކުރެއްވުނުކަން ޔަގީންކުރެވުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ކާމިޔާބު ހާސިލްކުރެއްވުނީ ގައުމު ހެޔޮ މަގަށް ގެނައުމަށް ރައްޔިތުން ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި އެހެންކަމުން އެކަމަށް ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
"މިރެއަކީ އިންސާފުގެ މަގަށް ކުރި ފުރަތަމަ ދަތުރު ކާމިޔާބުވި ރޭ. މި ކާމިޔާބު ހާސިލްކުރެވުނީ އަމިއްލަ ގައުމު ހެޔޮ މަގަށް ގެނައުމަށް ރައްޔިތުން ކުރެއްވި ބުރަ މަސައްކަތުން. އިންތިހާބުގައި އަޅުގަނޑާއި ފައިސަލް ނަސީމަށް ވޯޓު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން. ގުޅިފައިވާ ޕާޓީތަކުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އޮމާންކަމާއެކު ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސްދިން ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށާއި ނިމިގެންމިދިޔައީ ވަރަށް ވާދަވެރި އިންތިހާބެއް ކަމަށެވެ. އަދި އިބޫ ވަނީ ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް މިހާރުން މިހާރަށް މިނިވަންކުރުމަށް ވެސް ރައީސް ޔާމީނަށް ގޮވާލައްވައިފައެވެ.
"ފަސްޖެހުމެއް ނެތި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ނިމިގެން މިދިޔައީ ވަރަށް ވާދަވެރި އިންތިހާބެއް. ގައުމު އޮތް ހާލަތުން މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށްޓަކައި މަސައްކަތްކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދެން. ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް މިހާރުން މިހާރަށް މިނިވަން ކޮށްދިނުމަށް ރައީސް ޔާމީނަށް ގޮވާލަން،" އިބޫ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުގެ ބޮޑުބައެއް މިހާރު ވަނީ ގުނައި ނިމިފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، އިބޫގެ މައްޗަށް ކުރިހޯއްދަވައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުގެ އެއްވެސް ފުރުސަތެއް ރައީސް ޔާމީނަކަށް މިހާރަކު ނެތެވެ.