ޚަބަރު

އެމްޑީޕީގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ނަޝީދު ކުރިމަތިލައްވަނީ

އާނިފާ ހުސެއިން ސިރާޖް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލައްވާނޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އިއުލާން ކުރައްވައިފިއެވެ.

މިކަން އިއުލާނު ކުރައްވައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި، އެމްޑީޕީގެ ރައީސް ކަމުގެ އިތުރު ދައުރަކަށް އެމަނިކުފާނު ކުރިމަތިލައްވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އެންމެ މެންބަރުންގެ އަރިހުން ތާއީދަށާއި ވޯޓަށް އެދިވަޑައިގެންފައިވެއެވެ.

"އެމްޑީޕީގެ އެންމެ މެންބަރުންގެ އަރިހުން ވަރަށް އިހްލާސްތެރިކަމާއެކު މި އެދެނީ އަޅުގަނޑަށް ތާއީދު ކުރައްވައި ވޯޓުދެއްވުމަށް" ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފއިވެއެވެ.

2014 ވަނަ އަހަރު ނަޝީދު އެމްޑީޕީގެ ރައީސްކަން ކާމިޔާބުކުރެއްވީ ވާދަކުރެއްވުމެއް ނެތިއެވެ.

އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ނަޝީދު އިއުލާނުކުރެއްވީ އެ ޕާޓީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖައްސައި އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު އެޕާޓީން ހުޅުވައިލުމާ ގުޅިގެންނެވެ.

އެމްޑީޕީން ބުނީ، އެޕާޓީގެ ރައީސް އާއި ނައިބްރައީސް ހޮވުމަށް ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޕާޓީގެ މެމްބާޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށެވެ.