ޚަބަރު

އެމްޑީއެން އުވާލަން ގޮވާލައި، އިދާރާތަކަށާއި ރައްޔިތުންނަށް އިލްމުވެރިންގެ އިލްތިމާސްތަކެއް!

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާލައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށާއި ރައްޔިތުންނަށް ދީނީ އިލްމުވެރިންގެ ފަރާތުން ބޮޑެތި އިލްތިމާސްތަކެއް ކުރައްވައިފިއެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން، އިލްމުވެރިންގެ ފަރާތުން މިއަދު ހަވީރު ޝީ ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު ޝެއިހް މުހައްމަދު ލަތީފް ވަނީ، އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުންނާއި އެކަމުގައި ބައިވެރިވި މީހުންނާއި އެކަމަށް ވާގިދިން މީހުންނާއި އަދި އެކަމަށް ފަންޑުކުރި މީހުންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލައި، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، އަދި އެޖަމިއްޔާ އުވާލުމަށް ގޮވާލައްވައިފައެވެ.

އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ކަންކަން ވަގުތުން ހުއްޓުވުމަށް ކަމާބެހޭ ހުރިހާ އިދާރާއަކަށް ގޮވާލައި، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ކޮންމެ ކަމަކާ ދެކޮޅަށް ހުރިހާ އިލްމުވެރިން އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް އޭނާ ގޮވާލެއްވިއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމް ދީންގެ ރަނގަޅު މައުލޫމާތު ދިނުމަށް މައިންބަފައިންނަށް ގޮވާލެއްވިއެވެ.

މިބައްދަލުވުމުގައި އިލްމުވެރިން ވަނީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަމުގެ ތެރެއިން ކަންބޮޑުވާ މުހިންމު ކަންކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދީނުގެ އަސްލުތަކާ މެދު އިންކާރު ކޮށްފައިވުމާއި ރަސޫލާދެކެ ލޯބިވާން އަންގަވާފައިވުމަކީ އެކަލޭގެފާނަށް ކުޑަ ކަލާނގެއެއްކަމުގެ ލަގަބު ދިނުން ކަމަށް ބުނެފައިވުމާއި ރަސޫލާގެ ބައެއް ހަދީސްތަކުން ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރު ލިބޭ ކަމަށް ބުނުމާއި ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަންކަން ސައިންޓިފިކް ހެކިތަކުން ސާބިތުނުވާ ކަމަށްބުނެ އެއީ ފުލޯކް ވާހަކަތަކަށް ހެދުމަށް މަސައްކަތް ކުރުމާއި ގުރުއާންގެ ބައެއް އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭ ކަމަށް ބުނުމުގެ އިތުރުން ޔަހޫދީންގެހުރި ނުބައިކަމުގެ ވާހަކަ ބަޔާން ކޮށްފައިވުމަކީ ހައްދު ފަހަނައަޅައިި ދިއުން ކަމަށް ބުނުން ހިމެނެއެވެ.

އެ ރިޕޯޓަކީ އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ ރިޕޯޓަކަށް ވާތީ އިލްމުވެރިންގެ ފަރާތުން ވަނީ ސަރުކާރަށް ވެސް އިލްތިމާސްތަކެއް ކުރައްވައިފައެވެ.

އެގޮތުން ދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވަގުތުން ވަގުތަށް ކުރުމަށާއި އިސްލާމީ އުސޫލުތައް ނަގަހައްޓާ ހިމާޔަތް ކުރުމާއި ދީނާ ދެކޮޅަށް ހިންގޭ ޖަރީމާތަކަށް ފިޔަވަޅު އެޅުމުގައި ފަސްނުޖެހުމަށާއި އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް ދިނުމަށާއި އިސްލާމްދީނާ ހިލާފު ކޮންމެ ކަމަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެމްޑީއެންއަށް ގާނޫނީ ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލުމަށާއި އަދި ރިޕޯޓުގައި ހުރި ކަންބޮޑުވާ ކަންކަން އަކުރުން އަކުރަށް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް ސަރުކާރަށް އިލްމުވެރިން އިލްތިމާސްކުރިއެވެ.

އިލްމުވެރިންނަށް ކުރި އިލްތިމާސަކީ ދީނާ ދެކޮޅަށް ހިންގޭ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި އެ މަސައްކަތުގައި ހުރިހާ އިލްމުވެރިން އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިބުމާއި ރައްޔިތުންނަށް ހެޔޮގޮތް އަންގައިދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކޮންމެ އިލްމުވެރިއަކު ވެސް ކުރެއްވުމަށެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝައިޚު އަލީ ޒައިދު ބިން ސައީދު ގާސިމް ވިދާޅުވީ، މުސްލިމުން ދިރިއުޅޭ ތަނެއްގައި ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށާއި ކީރިތި ގުރުއާނަށް ހަޖޫ ޖަހައި މަލާމާތްކޮށް ފުރައްސާރަކޮށްފައިވަނީ މުޅި ދިވެހި އިސްލާމީ އުންމަތުގެ މެދުގައި އޮތް ސުލްހަވެރިކަމާއި އެއްބައިވަންތަކަން ނަގާލަން ކަމަށެވެ. އެހެންކަމުން އެއަށްވުރެ ބޮޑަށް ދެން ދީނަށް ފުރައްސާރަ ކުރެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.

'..ކީރިތި ގުރުއާނުގެ ހައްގުކަމާމެދުގައި މީހުންގެ ހިތުގައި ޝައްކު އުފައްދަން މަސައްކަތްކޮށްފައި އެވަނީ. އެއަށްވުރެ ބޮޑަށް އިސްލާމީ މުޖުތަމައެއްގައި ފިތުނަފަސާދް އުފެދޭނެ ގޮތެއް ނޯންނާނެ. މިއަށްވުރެ ބޮޑަށް ދެން އިސްލާމް ދީނަށް ފުރައްސާރަކުރާނެ އެހެން ގޮތެއް ނެތް. އެހެން ވީމަ އެބައި މީހުން އެތިބީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޖަމިއްޔާތަކުގެ ގާނޫނާ ވަރަށް ބޮޑަށް ހިލާފުވެފައި. ބޮޑު ކުށެއް ކޮށްގެން. އެބައި މީހުންނާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭ,'' ޝައިހު އަލީ ޒާހިރު ވިދާޅުވިއެވެ.

ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނު ބުނާގޮތުން އިސްލާމް ދީނާ ދޭތެރޭ ހިލާފު އުފެދޭ ކަންކަން ކުރުމަކީ ކުށެކެވެ. ގާނޫނުއަސާސީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް ދީފައިވަނީ އިސްލާމް ދީންގެ އަސްލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެކަން ފާހަގަކުރައްވާ އަލީ ޒާހިރު ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރިޕޯޓު ނެރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ދީނީ މިނިވަންކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އަދަބު ދިނުމަށް ގޮވާލައްވައިފައެވެ.