ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ މައްސަލަ އޮއްބާލަން އުޅުނަސް އެކަން ނުވާނެ ކަމަށާއި އެކަމަކީ ލެޔާއި ގުޅިފައިވާ މައްސަލައެއް ކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ''އިލްމުވެރިންގެ ގުޅުން''ގެ ނަމުގައި ރާއްޖޭގެ ގިނަ އިލްމުވެރިނާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސް ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގެ ސަބަބުން ރައްޔިތުންގެ ހިތުގައި އުދާސްތަކެއް އުފެދިއްޖެ ކަމަށާއި ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ)އަށް ބަދުބަސް ބުނާނަމަ ލޭ ކެކޭނެ ކަމަށެވެ.
''ޅަ ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަ ވިޔަ ނުދިނުމަށްޓަކާ އެކަންތައްތައް ކުރުމަކީ އެއީ ގާނޫނީ ގޮތުން ވެސް ދީނީ ގޮތުން ވެސް މުޅިން ވެސް މަނާކަމެއް. އެފަދަ ބަޔަކަށް ހިތަވަރުދޭ ބަޔަކީވެސް އެބަޔަކާ ބައިވެރިވެފައިވާ ބައެއް. ރަސޫލާދެކެ ލޯބިވުމަކީ ދީން ދެކެ ލޯބިވާކަމުގެ އަލާމާތެއް. ރަސޫލާއަށް ބަދުބަސް ބުނުމަކީ ލޭ ކެކޭނެ ކަމެއް. މިއީ އޮއްބާލަން އުޅުނަސް އެކަމެއް ނުވާނެ. އޮބިގެން ނުދާނެ ސަބަބަކީ އީމާންތެރިކަމާ ގުޅިފައި ހުރި ކަމެއް، މިއީ ހިތާއި ލެޔާއި ގުޅިފައި ހުރިކަމެއް,'' އިލްޔާސް ވިދާޅުވިއެވެ.
ޝައިހް އިތުރަށް ވިދާޅުވީ، ފިތުރީ ގޮތުން އިންސާނާގެ ހުރިހާ ކަމެއްވަނީ އިސްލާމް ދީނުގައި ރިއާޔަތްކުރައްވާފައި ކަމަށާއި މިނިވަންކަމާއި އިންސާނީ ހައްގުތަކުގެ ވާހަކަދައްކަނީ މުޅިން އޮޅުވާލުމަށް ކަމަށެވެ. އަދި އިންސާނާގެ ލަގަބުވެސް އިންސާނާއަށް ދެއްވީ އިސްލާމު ދީނުގައި ކަމަށާއި ދީނުގައި އިންސާނާއަށް ނުދެއްވާ ހައްގެއް ހޯދަން ކުރަންޖެހޭ މަސައްކަތެއް ނޯންނާނެ ކަމަށެވެ.
އަދި އިސްލާމު ދީނަށް ނިސްބަތްވާ މީހަކު ގޯސްކަމެއް ކުރުމުން، އެއީ ދީނުގައި ހުރި މައްސަލައެއް ކަމަށް ދެކޭނަމަ އެއީ ވަރަށް ބޮޑު މޮޔަ ކަމެއް ކަމަށާއި އެއީ އެމީހާގެ ހުރި އުނިކަމެއް ކަމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ނަބިއްޔާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފިނަމަ މުސްލިމުންގެ ލޭ ކެކޭނެ ކަމަށާއި ހައްގަށްވުރެ މައްޗަށް އަރައިގެން އެއްވެސް މީހަކަށް ނުދެވޭނެ ކަމަށެވެ.
''ހުރިހާ ތަކެއްޗަށްވުރެ ﷲ އަށާއި އެކަލާނގެ ނަބިއްޔާއަށް ލޯބިވުން ލާޒިމު. އެހެންވީމަ މައްސަލަ ބޮޑުވެގެން މިއުޅެނީ. އެހެންވީމަ އެކަލާނގެ ރަސޫލާގެ ޒާތުފުޅަަށް އެކަލޭގެފާނަށް ނިސްބަތްކޮށް ބަދުބަސް ބުނީމަ މި ލޭކެކެނީ. ގާނޫނެއް އަންނާނީ ފަހުން. އެއަށްވުރެ ކުރިން އޮތީ އިސްލާމް ދީން. އިސްލާމް ދީނަށްވުރެ މައްޗަށް އެއްވެސް މީހަކަށް ނޭރޭނެ. އިސްލާމީ ހަމަތަކަށްބެލިޔަސް ގާނޫނީ ހަމަތަކަށް ބެލިޔަސް މިއީ ކުށެއް. މިކުށަށް ފިޔަވަޅު އެޅެންޖެހޭނެ,'' އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދީނަށް ލޯބިކުރާ އެއްވެސް މީހަކު ނޭދެވޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއީ މުސްލިމުންގެ ސިފައެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ، އެފަދަ ކަމެއް ބަޔަކު ކުރުމުން ކޮންމެ މުސްލިމަކު ވެސް ލޭހޫނުވެ، ޖަޒުބާތުގައި ޖެހޭނެ ކަމަށެވެ.