ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގަމުންދިޔަ ބިން ހުސް ކުރުމަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ދައުކަތުގެ ފަރާތުން އެ ކޯޓުގައި އެދިއްޖެ އެވެ.
ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ސަރުކާރާ ހަވާލުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން ދައުލަތުން ކޯޓުގައި އެދެފި އެވެ.
ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓް ވިއު ހުރި ބިން، ހުސްކޮށް ފަނަރަ ދުވަހުގެ ތެރޭގައި ދައުލަތާ ހަވާލު ކުރުމަށް ކޯޓުން ހުކުމް ކޮށްފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 26ގަ އެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗާ އިން މިއަދު ބުނީ ނިއުޕޯޓް ހިންގަމުންދާ ބިން ހުސް ކުރުމުގެ މައްސަލައިގައި، އެތައް ހުސް ކުރުމަށް ސިވިލްކޯޓުން އިއްވާފައިވާ ހުކުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެތަން ހުސް ކުރުމަށް ސިވިލްކޯޓުގެ ހުކުމުގައި އަންގަވާފައިވާ ގޮތަށް ތަންފީޒު ކުރުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށްވެސް އެ މިިނިސްޓްރީން ބުނެފައިވެއެވެ.
ނިއުޕޯޓް ވިއު ހުރި ބިން، ފަނަރަ ދުވަހުގެ ތެރޭގައި ހަވާލުކުރުމުގެ އިތުރުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ވެސް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވެއެވެ.
އެ ހުކުމާ ގުޅުގެން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ، އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ.
އެކަން ހާމަކޮށް ހުސްވި ސެޕްޓެމްބަރު މަހުގެ 28 ގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީ ކުރުމާބެހޭ އެއްބަސް ވުމުގައި 2016 ވަނަ އަހަރު އެ ކުންފުނިން ސަރުކާރާ އެކު ސޮއިކުރީ، ހެންވޭރު ރާޅުގަނޑު ސަރަހައްދުން ކުއްޔަށްދޭ ބިމުގައި، ބްރިޖު އިމާރާތް ކުރުމުގެ މަސައްކަތް އާއްމުންނަށް ފަސޭހައިން ބަލައިލެވޭނެ، އިންތިޒާމު ހަމަޖެއްސުމަށާއި، ސީއެސްއާރުގެ ދަށުން އާއްމުންނަށް ބޭނުންހިފޭނެ އެހެނިހެން ހިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ކެއިން ބުއިމުގެ ހިދުމަތްދޭ ބައެއް ތަންތަން ގާއިިމް ކުރުމަށް ކަމަށެވެ.
އަދި އެކަމާބެހޭ އެއްބަސްވުމާ ގުލޭ ތަފްސީލްތައްވެސް އެ ބަޔާނުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ވަނީ ހިމަނައިފައެވެ.