މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލެއްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި، މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާއި، އެ ކޮމިޝަނުންގެ ނާއިބު ރައީސް ފާތުމަތު ޒައިނާ އެ ކޮމިޝަނުންގެ މެންބަރުކަމުން ވަކިކޮށްފައި ވަނިކޮށެވެ.
ރައީސް އޮފީހުން ބުނީ މި ފުރުސަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 20 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުއްވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަންގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލިއިރު، މީގެ ކުރިން އެ ކޮމިޝަނަށް ދެ މެންބަރަކު އައްޔަން ކުރުމަށް ކުރި އިއުލާނަކާ ގުޅިގެން ކުރިމަތިލެއްވި 36 ބޭފުޅުންގެ ނަން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެފަހަރު ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލެއްވީ، މީގެ ކުރިން އެ ކޮމިޝަނުގެ މެމްބަރުގެ ގޮތުގައި ތިއްބެވި އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.