އިބްރާހިމް ޒަކީ
ހިދުމަތް ހީދަން އަންނަ ރައްޔިތުންނާމެދު އިހާނެތިކޮށް ހިތައި، ދަށްފެންވަރުގެ ހިދުމަތްދޭ މުވައްޒިފުންނާމެދު، މަގާމުގައި ހުންނެވިހާ ދުވަހަކު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން، އެ މިނިސްޓްރީގެ މުވައްޒިފުންނާމެދު ފިޔަވަޅު އެޅުމާބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އެއްވެސް ތަނަކުން ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ ގަބޫލު ކުރައްވާނެ ކަމެއްނޫން ކަމަށެވެ.
"ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން ޓްރާންސްޕޯޓް މިނިސްޓްރީ، ނޫނީ ޓްރާންސްޕޯޓް އޮތޯރިޓީ، ނޫނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތް ހިނގަމުންދާ އެހެން އޮފީހެއްގައި ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާ އާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ އަޅުގަޑު ގަބޫލުކުރާނެ ކަމެއްނޫން، އެގޮތަށް އަމަލުކުރާ ނޫނީ ދަށްފެންވަރުގެ ހިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާދުވަހަކު އަޅުގަނޑު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.
ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެކަމަނާއަކީ ރައްޔިތުންގެ ހާދިމެއް ކަމަށާއި ވެރިޔަކީ ރައްޔިތުން ކަމަށެވެ. އަދި މިނިސްޓަރުކަމަށް ވަޑަައިގެން ހުންނެވީ ހުވައެއް ކުރައްވައިގެން ރައްޔިތުންނަށް ހިދުމަތް ދެއްވުމަށް ކަމަށާއި އެހެންކަމުން ރައްޔިތުންގެ ރައްތާކެރިކަން ކަށަވަރުކޮށްދިނުމަށް އެ ފިޔަވަޅު އަޅުއްވަންޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، ދަށް ފެންވަރުގެ ހިދުމަތްދޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކާމެދު ފިޔަވަޅު ނާޅުއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް، އަޅުގަނޑުގެ ވެރިޔަކީ ރައްޔިތުން ކަމަށްވީހިނދު އަޅުގަނޑު ހުވައެއް ކޮށްގެން މިއަދު މިތަނަށް އިސް ރައްޔިތުންނަށް ހިދުމަތް ކުރަން މީނީ އެބޭފުޅުންގެ ރައްކާތެރިކަމުގައި، އެބޭފުޅުންނަށް އެކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެހެންވީމާ އެގޮތުގެ މަތިން ހިދުމަތުގެ ފެންވަރު ދަށްވެ، ނޫނީ ޕާފޯމަންސް ދަށްވެ، ނޫނީ ވަޒީފާއަށް އެޓެންޑެންސްގެ ފެންވަރު ދަށްވެ، އެކަހަލަ މައްސަލައެއް ނެތް، ނުނީ ހަގީގަތުގައި ވެސް ފިޔަވަޅުއަޅަންޖެހޭ ބޭފުޅަކާމެދު ފިޔަވައި ފިޔަވަޅު ނާޅާނެ ވާހަކަ ޔަގީން ކަމާއެކު ދަންނަވަން،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ސިވިލްސާވަންޓުންނަށް ފިޔަވަޅު އެޅުމަކީ ސިވިލްސާވިސް ކޮމިޝަނުން ކުރާކަމެއް ކަމަށާއި އަދި އެއީ މިނިވަން މުއައްސަސާއެއް ކަމަށެވެ.