ނޭޕާލުގައި ބޭއްވި މިއަހަރުގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު މިއަހަރުގެ 18 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެކަން އިއުލާންކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފެވެ.
އެ ޓީމުން ހޯދި ކާމިޔާބީގެ އަގުވަޒަން ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާތީ، އެކަމަށް ރައްދުދެއްވަމުން މަހުލޫފު ވިދާޅުވީ ލޯ މެޑަލް ހޯދުމުން ރަތް ދޫލައިގެ މަރުހަބާ ނުކިޔަސް ސަރުކާރުން އެކަމުގެ އަގުވަޒަން ކުރާނެ ކަމަށެވެ.
މަހުލޫފު ވިދާޅުވީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ކުޅުންތެރިންނަށް 35،000 ރުފިޔާ ދިން ނަމަވެސް، މިހާރު ބޯނަސް ދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި ނަމަ ކޮންމެ ކުޅުންތެރިޔަކަށް 250،000 ރުފިޔާ ދިނުމަށް އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ކުރިން ލޯ މެޑަލް ހޯދުމުން 5،000 ރުފިޔާ ދިން ނަމަވެސް، އޭގެ ބަދަލުގައި މިހާރު ކޮންމެ ކުޅުންތެރިޔަކަށް ދޭނީ 20،000 ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ހޯދި ކާމިޔާބަކީ އެ މުބާރާތުގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.