ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު ދެވަނަ ޑިވިޝަނުގައި ވާދަކުރާ ގޮތަށް ނިންމައި، 16 އަހަރުން ދަށުގެ ގައުމީ ޓީމު ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ގޮތަށް ނިންމައިފިއެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު މިއަހަރުގެ 18 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެ ނިންމުން އިއުލާންކޮށްދެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ޒުވާން ޓީމުތައް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށާއި 19 އަހަރުން ދަށުގެ ޓީމު ދެވަނަ ޑިވިޝަނުގައި ވާދަކުރާ ގޮތަށް އަދި 16 އަހަރުން ދަށުގެ ޓީމު ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ގޮތަށް ނިންމި ނިންމުމަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ނިންމުމެއް ކަމަށެވެ.
އެ ނިންމުމާ ގުޅިގެން 19 އަހަރުން ދަށުގެ ޓީމު މިއަހަރުގެ ދެވަނަ ޑިވިޝަނުގެ ފުޓުބޯޅަ މުބާރާތުގައި އަދި 16 އަހަރުން ދަށުގެ ޓީމު ތިންވަނަ ޑިވިޝަނުގެ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާނެ ކަމަށާއި އެ ދެ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭތީ އެކަމަށް އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ހޯދި ކާމިޔާބަކީ އެ މުބާރާތުގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.