ޚަބަރު

ދައުލަތުުގެ އާމްދަނީގެ 5ޕަސެންޓް، ބިމު ކުލީގެ 40ޕަސެންޓް ކައުންސިލްތަކަށް ދޭން ހުށަހެޅި ގަރާރު ބަލައިގެންފި

އިބްރާހިމް ޒަކީ

ކޮންމެ އަހަރެއްގެ ބަޖެޓްގައި ދައުލަތަށް ލިބޭނެ ކަމަށް ކަނޑައަޅާ އާމްދަނީގެ ތެރެއިން ފަހެއްއިންސައްތަ، އާއި މީހުން ދިރިނޫޅޭ ފަޅު ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލަތަކަށް ލިބިދޭގޮތަށް ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގޮވާލައި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މި ގަރާރު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން ވޯޓުދެއްވި 60 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ގަރާރުގައި ބުނެފައިވަނީ، ކޮންމެ އަހަރެއްގެ ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް ކަނޑައަޅާ އާމްދަނީގެ ތެރެއިން ފައެއް އިންސައްތައަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލް ތަކަށް ލިބިދޭން ވާނެ ކަމަށެވެ.

އަދި ކައުންސިލްތަކަށް ލިބިދޭ މާލީ އެހީތެރިކަމާއި، ދައުލަތުގެ ބަޖެޓުންދޭ ފައިސާގެ ސަބަބުން ދައުލަތުގެ ޖުމްލަ ހަރަދު އިތުރުވެގެންނުދާނޭކަން ކަށަވަރު ކުރުމުގެ ގޮތުން، އެފައިސާއިން އެ އަހަރަކަށް ކުރުމަށް ކަނޑައަޅާ މަސައްކަތްތައް ވެސް ކައުންސިލްތަކުގެ ދަށަށް ބަދަލުވާކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރު ކުރަންޖެހޭނެކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ރަށްރަށުގެ އިހުތިސާސް ކަނޑައަޅައި އެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ، މީހުން ދިރިނޫޅޭ ރަށްރަށުން ބިމު ކުލީގެ ގޮތުގައި ސަރުކާރަަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން އަތޮޅު ކައުންސިލްތަކަށް ލިބިދިނުމަށްވެސް މި ގަރާރުގައި ވަނީ ހުށަހަޅައިފައެވެ.

ގަރާރުގައި ބުނެފައިވަނީ، ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަށްޓަކައި ކައުންސިލްތަކަށް ލިބިދޭ ފައިސާ ބޭނުންކުރުމާގުޅޭ އުސޫލުތަކާއި، އެފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތައް ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރުމަށް ރައްޔިތުންގެ މަޖިލިސް އިގުރާރުވާކަމަށެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މަޖިލީހުގެ ރައީސްވަނީ ފޮނުއްވައިފައެވެ.