ޚަބަރު

ނިރުބަވެރި ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް، މަސައްކަތު ބައްދަލުވުމެއް ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ނިރުބަވެރި ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިސޯޓްތަކުގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުންނަށް އަމާޒުކޮށްގެން "ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވަރކްޝޮޕް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ ނިރުބަވެރި މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގައި، ނިރުބަވެރި ހަމަލާއެއް ރިސޯޓެއްގައި ދީފިނަމަ އަމަލުކުރުމަށް ހަދާފައިވާ އުސޫލްތަކުގައި ހުރި ހަރުދަނާކަމާއި ދޭސީކަމާއި، އުސޫލްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އަދި ނިރުބަވެރި ހަމަލާތަކުން ރައްކާތެރިވެ އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، ނިރުބަވެރި ހަމަލާއެއް ކާމިޔާބުކަމާއެކު ދީފި ހާލަތުގައި، ހާދިސާއަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތުވެސް މި މަސައްކަތު ބައްދަލުވުމުގައި ހިއްސާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ އިސް ވެރިންނާއި އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އެކި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުން ހިމެނޭގޮތުން ޖުމްލަ 39 ފަރާތަކުން ބައިވެރިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.