ޚަބަރު

ބްރޯޑްކޮމްގެ ނާއިބުރައީސް ޒައިނާ ކޮމިޝަނުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

2

ބްރޯޑްކާސްޓިންގ ކޮމިޝަން ގެ ނާއިބު ރައީސް ފާތުމަތު ޒައިނާ އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް އެބޭފުޅުންގެ މަސައްކަތްތަކާބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމުން، ގާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލްވެފައިވާތީ، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނާއިބު ރައީސް ފާތުމަތު ޒައިނާ ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރުމަށް ފާސްކޮށް ކޮމިޓީން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ނަމަވެސް ކޮމިޓީ ރިޕޯޓަށް މަޖިލީހުގައި ވޯޓު ނެގުމުގެ ކުރިން މިމަހު ނުވަވަނަ ދުވަހު، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު ވަނީ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އެހެންކަމުން ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްގައިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮމިޝަންގެ ނާއިބުރައީސްގެ މަގާމުގައި ހުންނެވި ޒައިނާ ކޮމިޝަނުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ.

ޒައިނާ ކޮމިޝަނުން ވަކި ކުރުމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޒައިނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މި މައްސަލަ ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކޮމިޝަންގެ ހުރިހާ މެންބަރުން ކޮމިޓީއަށް ހާޒިރު ކޮށްގެންނާއި، ވަކި ވަކިން ކޮމިޓީއަށް ހާޒިރު ކުރުމުގެ އިތުރުން އެ ބޭފުޅުން ކޮމިޓީއަށް ފޮނުއްވާފައިވާ ލިއުންތަކަށް ބަލައި ކޮމިޓީންކުރި ދިރާސާގައި، އެބޭފުޅުން ގާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލް ވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ބޭފުޅުން ކޮމިޝަނުން ވަކިކުރުމަށް ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހެޅުއްވީ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟