މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބްރެޒިލްއިން ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން 16.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އާނިފާ ހުސެއިން ސިރާޖް

ވައިގެ މަގުން ބްރެޒިލުން ރާއްޖެ އައި 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެން ފަތުރުވެރިއެއްގެ އަތުން 16.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިމަހުގެ ފުރަތަމަ ދުވަހު ބްރެޒިލުން ރާއްޖެ އައި މި ފަތުރުވެރިޔާއާ މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތީގެ ބަރުދަން ޖުމްލަ 4.67 ކިލޯއަށް އަރާއިރު މިތަކެތީގެ މަގުމަތީ އަގު 16،327،913.00 ރުފިޔާއަށް އަރާ ކަމަށެވެ.

މިހާރު މި މައްސަލައިގައި ޝަމިލުވާ މީހާއާއި އަތުލައިގަތް މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން މައުލުމާތުދެއެވެ.

ކަސްޓަމްސް އިން ވަނީ މިއަހަރުގެ މިހާތަނަށް ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.