ޝަހީދާ އަބްދުﷲ ސައީދު
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، އަމިއްލަ ޝަޚުސެއްގެ ގޮތުގައި ވެރިކަން ކުރައްވަން ޖާގަ ދެއްވަން ވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމާ ގުޅިގެން ޗެނަލް 13އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ހުރަހެއްގެ ގޮތުގައި ސިޔާސީ އެހެން ބޭފުޅުން މަސައްކަތް ކުރުމަކީ ޑިމޮކްރަސީއާ ޚިލާފު ވަރަށް ހުތުރު އަމަލެއް ކަމަށެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާނުކޮށް، އިމުން ބޭރުވެ، ރައްޔިތުން ކަންބޮޑުވެ ބިރު ގަންނަ ފަދަ ވާހަކަތައް ސިޔާސީ ބައެއް ބޭފުޅުން ދައްކަވަމުންދާ ކަމަށެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ރާއްޖެއަށް ޕާޓީ ސިސްޓަމު ގެނައުމަށް މަސައްކަތްކުރި ދުވަސްވަރު ހިނގާފައި ހުރި ނާތަހުޒީބު އަމަލުތައް މިއަދު އިޢާދަވާނަމަ އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ސިޔާސީ ބޭފުޅުން އުޅެން އޮތް ގައުމެއް ނޫން ކަމަށާއި، ސިޔާސީ ބޭފުޅުންވެސް އުޅެންވާނީ އެހެން މީހުންނަށް އުނދަގޫ ނުވާގޮތަށް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކައިގައި ސިޔާސީ ބޭފުޅުން އެބޭފުޅުންގެ އަމިއްލަ އެދުން އިސްކޮށް، ކަންކަން ކުރުމަކީ ގައުމާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ތިން ޕާޓީއެއްގެ ވެރިން ކޯލިޝަން ހަދައިގެން ތިއްބެވި އިރު، އެއްވެސް ބޭފުޅަކަށް ޕޯޑިއަމްގައި ދައްކަވަންވީ ވާހަކަ އެނގިވަޑައިނުގަންނަވާ ކަމަށާއި، ދައްކަވަންޖެހޭ ވާހަކައާއި ދައްކަވައިގެން ނުވާނެ ވާހަކަތައް ވެސް އަންގަނީ ކޯލިޝަންގެ ތެރެއިން ކަމަށެވެ. އަދި ހައްގުބަސް ވިދާޅުވުމުގެ ފުރުސަތު ވެސް ބައެއް ބޭފުޅުންނަށް ލިބިވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ތަފާތު ފިކުރުގެ ޕާޓީތަކުން ތަފާތު ބޭފުޅުންގެ މައްޗަށް އެކުލަވާލައި ވަޒީރުންގެ މަޖިލީހުން ރަނގަޅު ނިންމުމެއް ނުނިންމޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުތައް ހުންނަ ގޮތައް ބަލާ އިރު، ރައްޔިތުން ވިސްނާ ފިކުރު ކުރަންޖެހެއެވެ.
އެގޮތުން ރާއްޖޭގެ ތަރައްގީއާ މެދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު ނާޒިމް ވިދާޅުވީ އިގުތިޞާދީ ގޮތުން ރާއްޖެ މިހާރު ދަތުރުކުރަމުންދާ މިސްރާބު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ.
މިނިސްޓަރު ނާޒިމް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަށް އެރަށު ރައްޔިތުންގެ ފަރާތުން އެދުމުން އެއާޕޯޓު އެޅުމަށްވުރެ ޒަމާނީ ފެންވަރުގެ ފެރީގެ ނިޒާމެއްގެ މުހިންމުކަން ބޮޑު ކަމަށް ވިދާޅުވެ އެއާޕޯޓް އެޅުމާއި ދެކޮލަށް ވާހަކަފު ދައްކަވާފައި ވަނިކޮށެވެ.