ޚަބަރު

ސެޕްޓެމްބަރުގައި މީރާއަށް ލިބުނު އާމްދަނީ ބޮޑުތަން ދަށަށް

އާނިފާ ހުސެއިން ސިރާޖް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށް އެ މުއައްސަސާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން މިއަދު އާންމުކުރި އެ މުއައްސަސާގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު އެ ކުންފުންޏަށް ޓެކްސް ކަލެކްޝަން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. އަދި ޑޮލަރުން އާމްދަނީގެ ގޮތުގައި 56.3 މިލިއަން ރުފިޔާ ލިބުނެވެ.

ނަމަވެސް މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 3.2 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ 13 ޕަސަންޓް ދަށް އަދަދެއް ކަމަށް ވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީރާ އިން ބުނީ މި އަހަރުގެ ސެޕްޓެންބަރު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ގްރީން ޓެކްސް އާއި ޖީއެސްޓީ އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ޓެކްސްގެ ސުންގަޑި ހަމަވިއިރު ވެސް ދައްކާފައިނުވުމެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުން ދައްކާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 42.6 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބިފައިވާ އާމްދަނީއެވެ.