ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ ނިޒާމްގެ ވެރިކަން ދަމަހައްޓަވާނެ ކަމުގެ އިޝާރަތެއް އިންތިހާބީ ރައީސް ކުރައްވައިފި

ރިޔާސީ ނިޒާމްގެ ވެރިކަން ދަމަހައްޓަވާނެ ކަމުގެ އިޝާރަތެއް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފިއެވެ.

އިންތިހާބީ ރައީސް އެހެން ވިދާޅުވެފައިވާ އިރު، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން މިމަހުގެ ތިންވަނަ ދުވަހު ވިދާޅުވެފައިވަނީ ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވާ ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސް ކުރުމަށް އިންތިހާބީ ރައީސް ސޯލިހު ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެފައިވާ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުން ކަމަށެވެ.

"ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެފައިވާ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުމެވެ. ދައުލަތެއްގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަމާއި، މަގާމުތަކަށް އިންތިހާބުވުމަކީ ރައްޔިތުން ހަވާލުކުރާ ޒިންމާއެއްކަމާއި، އެއީ އެރުވޭ ޝަރަފެއް ނޫންކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމާއި، ހަނދާންކޮށްދިނުމަކީވެސް އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކޭނަމެވެ..،" އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިންތިހާބީ ރައީސް ސޯލިހު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި މަޝްވަރާގެ ރީތި އުސޫލުން ރައްޔިތުންގެ ކަންކަން ހިންގުމަށް ގާއިމްކުރެވޭ ވެރިކަމެއް ކަމަށެވެ.

"މި ނިޒާމުގައި ވެރީންނަކީ ރައްޔިތުންގެ ހާދިމުންނެވެ. އެމީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައްޔިތުންނަށް ޖަވާބުދާރީވުމެވެ. އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެ ނޫން މަގަކަށް ގައުމުގެ ހުންގާނު އަނބުރާލުމަކީވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ހައްގެކެވެ. ވެރިންގެ ގޮތުގައި އިސްކުރެވޭ ހާދިމުންނަށް ހުރީ ރައްޔިތުންގެ ނިންމުމާ ރުހި ކިޔަމަންވުންކަމީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާއެވެ..،" އިންތިހާބީ ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ސޯލިހު ވިދާޅުވީ ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ވާނީ އެތަނެއްގައި އަދުލު އިންސާފު ގާއިމު ކޮށްދިނުން ކަމަށާއި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔާކަށް ބަދަލުވުމަށްފަހު ވޭތުވެދިޔަ 10 ދައުރުގައި މިކަން ކުރެވިފައިވަނީ ކިހާ މިންވަރަކަށް ކަމާއި، އެ ދައުރުތަކުގައި ވެރިން ކުރެއްވި މަސައްކަތަކުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިފައިވަނީ ކިހާ މިންވަރަކަށްކަން ނިންމާނީ ރައްޔިތުން ކަމަށެވެ.