ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްއާރުއެމް އުފެއްދުމުގައި އިސްކޮށްއުޅުއްވާ، އަބްދުލްއަލީމް އާދަމް މީޑިއާއަށް ވިދާޅުވީ،އަންނަ މަހުގެ ހަތެއްގައި ޖަލްސާ ބާއްވަން ވާންޖެހޭ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ. އަދި އެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުމާއި ދިދަ އާއި ލޯގޯ ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އަލީމް ވިދާޅުވި ގޮތުގައި އެ ޖަލްސާގައި ޕާޓީ ހިންގުމަށް ވަގުތީ ކައުންސިލެއް ވެސް އެކުލަވައިލާނެއެވެ.
ރައީސް މައުމޫން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވިކަން އިއުލާން ކުރެއްވީ، މިދިޔަ ޖެނުއަރީ ފަހުކޮޅުއެވެ. އެގޮތުން އެކަމުގެ ހުއްދަ ފުރަތަމަ ދޫކުރީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށެވެ. ނަމަވެސް ފަހުން އެ ހުއްދަ ދީފައިވަނީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށެވެ.
އަދި ޕާޓީ އުފެއްދުމަށް ބޭނުންވާ މީހުން ހަމަކޮށް، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ، މިމަހުގެ ދެވަނަ ދުވަހުއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ވުމުން އެ ޕާޓީ ވެގެންދާނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީއަށެވެ.
ރައީސް މައުމޫން އިސް ހުންނަވައި އެންމެ ފުރަތަމަ އުފެއްދެވި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އަދި ފަހުން މިހާރު ސަރުކާރާ އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދެވިއެވެ. ނަމަވެސް އެ ޕާޓީގެ ކޮންޓްރޯލް ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވައި މައުމޫނާއި ޕީޕީއެމްގެ މުއައްސިސް އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް ޕީޕީއެމުން ވަކިކުރިއެވެ.