އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު އާއިލާތަކާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރު މާރިޔާ މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވިއިރު، އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފްގެ އިސްވެރިން ވެސް ވަޑައިގެންނެވިއެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގައި ގެއްލުން ލިބުނު ގެ ތަކަށް ޒިޔާރަތްކުރައްވައި، އެ އާއިލާތަކުގެ ހާލަތު ވަނީ ބައްލަވައިފައެވެ. އަދި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާ ވެސް ބައްދަލުކުރެއްވިއެވެ.
މިދަތުރުގައި ގެއްލުން ލިބުނު އާއިލާތަކާއި މިނިސްޓަރު ބައްދަލުކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އައްޑޫގެ މޭޔަރު ސޯދިގަށް ފޯނުން ގުޅުއްވައި ގެއްލުން ލިބުނު އާއިލާތަކުގެ ހާލަތާއި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމާއި އެކަމާއި ގުޅިގެން ކުރިއަށްދާ މަސައްކަތްތައް އޮޅުން ފިލުއްވައިފައެވެ.
ފާއިތުވެ ދިޔަ ދެ ދުވަހު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި އެ ސިޓީގެ ބޮޑު ބައެއްގައި ފެންބޮޑުވެ، 140 އަށްވުރެ ގިނަ ގެއަކަށް ފެންވަދެފައިވެއެވެ. އެގޮތުން ހިތަދޫގެ 44 ގެ އަކާއި މަރަދޫ 4 ގެ އަކާއި މަރަދޫ ފޭދޫ 12 ގެ އެއްގެ އިތުރުން ފޭދޫގެ 43 ގެ އަކާއި ހުޅުދޫ 10 ގެ އަކާއި މީދޫ 27 ގެ އަކަށް ފެން ވަދެގެން ފުލުހުންނާއި ސިފައިން ވަނީ އެހީތެރިވެދީފައެވެ.