"މިލާން ކްރިކެޓް އެވޯޑް ނައިޓް" ހަފުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މި ހަފުލާގައި، 2018 ވަނަ އަހަރުގެ އެންމެމޮޅު 3 ކްރިކެޓް ކުޅުންތެރީންނަށް މިލާން އެކަޑަމީން ދޭ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިލާން ކުރިކެޓް އެކަޑަމީން 2020 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކުރިކެޓް މުބާރާތުގެ ލޯގޯ ވެސް އިފްތިތާހު ކޮށްދެއްވާފައެއެވެ.
މިލާން ކުރިކެޓް އެކަޑަމީއަކީ 2009 ވަނަ އަހަރު އުފައްދާފައިވާ އެކަޑަމީއެކެވެ. ރޭ ބޭއްވި ހަފުލާއަކީ އެ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާއެކެވެ.
މިލާން އެކަޑަމީން ތަމްރީނުވެފައިވާ ކުޅުންތެރިން ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކިއެކި ކުރިކެޓް މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ކުރިކެޓްގައި މުހިންމު ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ.