ޚަބަރު

ކުރިއެކޭ އެއްގޮތަށް ރާއްޖެއަށްދަނީ ފިޔާ އެތެރެ ކުރަމުން: އިންޑިއާ

ޝަހީދާ އަބްދުﷲ ސައީދު

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް ފިޔާ އެތެރެ ކުރަމުންދާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރުން މެދުކެނޑުނީ ކުޑަ ދުވަސްކޮޅަކަށް ކަމަށާއި އެއީ އޮޕަރޭޝަނަލް މައްސަލަތަކެއްގެ ސަބަބުން އައި މެދުކެނޑުމެއް ކަމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް އިންޑިއާ އިން ރާއްޖެއަށް ފިޔާ އެތެރެ ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އެމްބަސީން އިތުރަށް ބުނީ، ފިޔާ ދަނޑުތައް ހަލާކުވެ އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން މެދުކަނޑާލި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ނިންމާފައިވާ ގޮތަށް، އަސާސީ މުދާ ސަޕްލައިކުރުމުގައި ރާއްޖެއަށް ކަނޑައެޅި ހާއްސަ އުސޫލުގެ ދަށުން ފިޔާ އެކްސްޕޯޓް ކުރާނެ ކަމަށެވެ.

އަދި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމާއި އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމްގެ ރަމްޒެއް ކަމަށް އިންޑިއާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފިޔައި އެކްސްޕޯޓު ކުރުމަށް ދިމާވި ދަތިތަކަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވުމުން ދިމާވި ކަމެއް ކަމަށް ބުނާ ވާހަކަތަކަށް ވެސް އިންޑިއާގެ އެމްބަސީގެ ބަޔާނުގައި ވަނީ ރައްދު ދީފައެވެ. ބަޔާނުގައި ބުނީ، އެފަދަ އެއްވެސް ހާރިޖީ މައްސަލައެއް ދެގައުމުގެ ދެމެދުގައި ޖެހިފައި ނުވާ ކަމަށެވެ.

އިންޑިޔާއިން ރާއްޖެއަށް ފިޔާ އެތެރެކުރުން ހުއްޓުމަކަށް އައީ އެގައުމަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، 35 ޕަސެންޓް ފިޔާ ދަނޑުތައް ހަލާކުވުމާ ގުޅިގެންނެވެ. އަދި ރާއްޖެއަށް އިންޑިއާ އިން ފިޔާ އެތެރެކުރުމުގައި ދިމާވި މައްސަލަ ތަކުގެ ސަބަބުން، ބާޒާރުގައި 300 ރުފިޔާއަށް ހުރި ފިޔާ ބަސްތާއެއްގެ އަގު 1000 ރުފިޔާއަށް އުފުލިގެން ދިޔައެވެ. އަދި ފިޔާ ކިލޯއެއްގެ އަގު 35 ރުފިއާއާއި 50 ރުފިޔާއާ ދެމެދުގެ އަގުތަަކަކަށް އުފުލުނެވެ.