ޚަބަރު

ހިތަދޫގައި އެޅި ފުލެޓްތައް ހަވާލުކުރަން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

އައްޑޫ ސިޓީގެ ހިތަދޫގައި ސަރުކާރުން އިމާރާތްކުރި ފުލެޓްތައް ލިބޭ ފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރި 264 ފްލެޓް ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް އެގްރީމަންޓްގައި ސޮއިކޮށް، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ހިތަދޫ ސިޓީ ކައުންސިލުގައި ކުރިއަށްދާނެ ކަމަށެވެ.

ހިތަދޫ އާއި ހުޅުދޫގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު ފަރާތްތަކާއި ފްލެޓް ނަންބަރު ހަވާލުކޮށްފައިވަނީ މި މަހުގެ ތެރޭގައެވެ. ހިތަދޫގައި 264 ފުލެޓް އިމާރާތްކުރިއިރު ހުޅުދޫގައި އިމާރާތްކުރީ 48 ފުލެޓެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫގައި އިމާރާތް ކުރި ފްލެޓުތައް އަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ ފްލެޓްތައް ދޫކުރުން ލަސްވެގެން ދިޔައީ ފެނާއި ނަރުދަމާގެ ހިދުމަތްތައްފަދަ ކަންކަން ފުރިހަމަ ކުރުމަށް ކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ރާވާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ސިޓީގައި 1،500 ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފައެވެ.