ޚަބަރު

އަސްކަރީ ގުޅުން ބަދަހިކުރުމަށް ރާއްޖެ އާއި ލަންކާއިން މަޝްވަރާކޮށްފި

އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާގުޅޭ ގޮތުން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އެމްޑީއެފުން ބުނީ، މި މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ސްރީލަންކާ އަސްކަރިއްޔާގެ ޗީފް ފިލްޑް އިންޖީނިއާ، މޭޖާ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރަ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި ދިވެހި ސިފައިންގެ ގާބިލުކަން އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމްތަކަށް ފުރުސަތު ހޯދުމާއި ގުޅޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވައިފައެވެ.

އެމްޑީއެފުން ބުނީ، މޭޖާ ޖެނެރަލް ނަނަޔައްކަރަ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދިވެހި ސިފައިންނަށް ހިންގާ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ބޭސިކް ޓްރޭނިން ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ ސްރީލަންކާ އަސްކަރިއްޔާގެ މުދައްރިބުންނެވެ. މިއަދު ބައްދަލު ކުރެއްވުމުގައި އޯޑްނަންސް ސާވިސްގެ ކޮމާންޑިން އޮފިސަރު ކާނަލް މުހައްމަދު ޝަރީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.