ޚަބަރު

ޕާސްޕޯޓުގެ ބައެއް ނަކަލު ކޮށްގެން ރާއްޖެ އެތެެރެވާން އުޅުނު މީހަކު ހުއްޓުވައިފި

އިބްރާހިމް ޒަކީ

ޕާސްޕޯޓުގެ ބައެއް ނަކަލު ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ބައެއް ނަކަލު ކޮށްގެން ރާއްޖެ އެތެރެވާން އުޅުނީ ބިދޭސީ އަންހެނެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކާކު ކަމެއް އެފަރާތުން ނުބުނެއެވެ.

އިމިގްރޭޝަނުން ބުނީ އެ އަންހެންމީހާގެ އިތުރުން އެކަމުގައި އެހީތެރިވާން އުޅުނު އިތުރު ބިދޭސީ ފިރިހެނަކު ވެސް ހުއްޓުވާފައިވާ ކަމަށެވެ.

ނަކަލު ކޮށްފައިވާ ވޯކު ވިސާ ކާޑުތަކެއް ރާއްޖެ އެތެރެ ކުރުމަށް މަސައްކަތްކުރި ބިދޭސީއަކު މިމަހު ހަތްވަނަ ދުވަހު އިމިގްރޭޝަންނުން ވަނީ ހުއްޓުވައިފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ އެއް ވައްތަރު މީހުންގެ ޕާސްޕޯޓް ބޭނުންކޮށްގެން ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 11 ބިދޭސީން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުއްޓުވާފައިވާ ކަމަށެވެ.