ޚަބަރު

ރާއްޖޭގައި އޮންނަންވީ ޖުމުހޫރީ ނިޒާމް ކަމަށް މާރިޔާ ވިދާޅުވެއްޖެ

1

ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށާއި ރާއްޖޭގައި މިހާރެކޭ ވެސް އެއްފަދައިން އޮންނަންވީ ޖުމުހޫރީ ވެރިކަމުގެ ނިޒާމު ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އަދި މަންޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ހުރިހާ ދިވެހީންނަށް ޖުމުހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓުވީޓެއްގަ އެވެ.

ޖުމުހޫރީ ނިޒާމުގައި އޮންނަނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި އެ ނިޒާމުގައި ރަސްކަލެއްގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އަކަށް ވެސް ހުންނަވަނީ ރައްޔިތުން އިންތިޚާބު ކުރާ މީހެއް ކަމަށް މާރިޔާގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

"ޖުމުހޫރީ ވެރިކަމުގައި އަޅުގަނޑުމެން 50 އަހަރު ހޭދަކޮށްފީމު. އެހެންކަމުން ތަޖުރިބާއިން ފިލާވަޅު ލިބިގަނެ އެކަން އެގޮތުގައި ބާއްވަން ހިންގަވާ!" މާރިޔާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މާރިޔާ މިހެން ވިދާޅުވި އިރު، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލުކުރައްވަން ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެމަނިކުފާނު އެމަސައްކަތްޕުޅު ކުރައްވަނީ ބަރުލަމާނީ އަކަށް ވެރިކަން ފުރޮޅައިލައްވައިގެން މަޖިލިސް ތެރެއިން ރާއްޖޭގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ކަމަށް ވެސް ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟