ޚަބަރު

134 ބާވަތެއްގެ ޕެސްޓިސައިޑް ރާއްޖެ އެތެރެކުރުން މަނާކޮށްފި

އާނިފާ ހުސެއިން ސިރާޖް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން 134 ބާވަތެއްގެ ޕެސްޓިސައިޑްސް ރާއްޖެއެތެރެކުރުން މަނާކޮށްފިއެވެ.

މިކަމާގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ވާގޮތުން ޓޮކްސިސިޓީ ލެވެލްއަށް ބަލައި 120 ބާވަތެއްގެ ޕެސްޓިސައިޑްސް ރާއްޖެ އެތެރެކުރުމަށް ހުއްދަ ދީފައިވާއިރު، 134 ބާވަތެއްގެ ޕެސްޓިސައިޑްސް ވަނީ ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ.

އެގޮތުން ޕެސްޓިސައިޑް އެތެރެކުރުމުގައި ދަނޑުވެރިންނަށް ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި، ރާއްޖެއަށް ޕެސްޓިސައިޑް އެތެރެކުރުމަށް އެދި ހުށަހެޅުމުގެ ކުރިންނާއި، އެތެރެކުރުމުގެ ކުރިން މިނިސްޓްރީން އާންމުކޮށްފައިވާ، "ޕެސްޓިސައިޑްސް އެތެރެކުރުން ހުއްދަ އާއި މަނާ ޕެސްޓިސައިޑްސްގެ ލިސްޓް ބެލުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޕެސްޓިސައިޑްސް އާ ބެހޭ ބިލު މަޖިލީހަށް ފޮނުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ.

މި ބިލުގެ ބޭނުމަކީ ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމުގެ އިތުރުން ރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުސޫލުތައް ކަނޑައެޅުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅުއަޅައި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކަމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.