އިބްރާހިމް ޒަކީ
ކުށްތަކުގައި ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސް، އެކުދިންގެ ހަށިގަނޑު ފާސް ކުރާއިރު ބަރަހަނާ ނުކުރުމަށް، ކުޑަކުދިންގެ އަދުލުގެ ބިލުގައި ހިމަނަން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި، ކުޑަކުދިންގެ އަދުލުގެ ބިލުގެ މަސައްކަތް މިއަދު ކުރިއަށް ދިޔައިރު، ކުދިން ބަރަހަނާ ނުކުރުމަށް ބިލުގައި ހިމެނުމަށް ހުށަހަޅުއްވަމުން އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާޒް ވިދާޅުވީ، މިޒަމާނުގައި ބޮޑީ ސްކޭން ކުރެވޭނެ ތަފާތު ވަސީލަތްތަކާއި އިކުއިޕްމެންޓް ހުރިއިރު، ކުދިންގެ ކަރާމާތް ގެއްލޭގޮތަށް ކުދިން ބަރަހަނާކޮށް ހަށިގަނޑު ބަލައި ފާސްކުރެވިގެން ނުވާނެ ކަމަށެވެ.
އެހެންކަމުން ކުޑަކުއްޖެއްގެ ހަށިގަނޑު ބަލައި ފާސްކުރާނީ އަންނައުނު ނުބާލައި ހަށިގަނޑުގެ ބޭރުން، އެކުއްޖެއްގެ ކަރާމާތައް އުނިކަން ނާންނަ ފަދައިން އެކުއްޖަކާ އެއްޖިންސެއްގެ ފުލުހެއް ކަމަށް ބިލުގައި ހިމެނުމަށް އީނާޒް ވަނީ ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.
އީނާޒް ވިދާޅުވީ ބޮޑީ ސްކޭން ކުރެވޭ ޒަމާނީ ވަސީލަތްތައް ހުރުމުން، އަންނައުނު ބާލައި ކުދިންގެ ބޮޑީ ފާސްކުރަން ނުޖެހޭ ކަމަށެވެ.
ފުލުހުންވެސް ބައިވެރިވި މިއަދުގެ ކޮމެޓީ ބައަދަލުމުގައި، އެކަމާ ގުޅިގެން ފުލުހުން ބުނީ، ބައެއް ކަހަލަ ހާލަތްތަކުގައި ހަށިގަނޑުގެ ތެރޭގެ އެކި ތަންތަނަށް އެއްޗެހި ލައިގެން އެކުދިން ބައިތިއްބާ ތަންތަނަށް އެއްޗެހި އެތެރެ ކުރާ ކަމަށެވެ.
އެހެންކަމުން އެއްވެސް އުސޫލެއް ނެތި އެފަދަ އިހުތިޔާރެއް ނެތުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ. އަދި ހާލަތާއި އެންވަރަކަންޓަށް ރިއާޔަތް ކޮށް އެފަދަ މެކެނިޒަމެއް އޮންނަންވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ގާނޫނުގައި މިހާރުވެސް އޮންނަނީ ކޯޓު އަމުރެއްގެ ދަށުން އެ އަމުރުގައި ބުނާގޮތަށް ހަށިގަނޑު ފާސް ކުރުން ކަމަށެވެ. އެހެންކަމުން ކުޑަކުދިންގެ އަދުލުގެ ބިލުގައިވެސް އެ ފުރުސަތު އެގޮތަށް އޮތުމަކީ މުހިއްމުކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެޗްއާރުސީއެމް އާއި ޖެންޑަމިނިސްޓްރީގެ އިތުރުން ކުޑަކުސިންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އާކުންވެސް ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.