ޚަބަރު

އިސްނަގައިގެން ކަންކަން އިސްލާހު ކުރުމަށް ކަރެކްޝަންގެ އޮފިސަރުންނަށް ހޯމް މިނިސްޓަރު ގޮވާލައްވައިފި

އާނިފާ ހުސެއިން ސިރާޖް

ޖަލުގައިހުރި ރަނގަޅުކުރަންޖެހޭ ކަންކަން އަމިއްލައަށް އިސްނަގައިގެން އިސްލާހު ކުރަން މަސައްކަތް ކުރުމަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ކިބައިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން މެދުފަންތީގެ މެނޭޖްމަންޓް އޮފިސަރުންނަށް އަމާޒުކޮށްގެން، މާފުށި ޖަލުގައި ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފައްޓަވައިދެއްވަމުންނެވެ.

ހޯމް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ފަރާތުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށާއި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީވެސް އެޖަމްއިއްޔާގެ ބޭފުޅުން ކަމުގައެވެ.

ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ، ތަމްރީނު ނިންމުމަށްފަހު ކޮންމެ އޮފިސަރަކުވެސް އަމިއްލައަށް އިސްނަގައިގެން ޖަލުގެ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ތަމުރީނުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމަކީ ރާއްޖޭގެ ޖަލުތަކަކީ އިންސާނީ ކަރާމަތާއި އިއްޒަތް ނުގެއްލޭގޮތަށް ހިންގޭ ތަންތަން ކަމުގައި ހެދުމުގެ އިތުރުން އެކިސަބަބުތަކަށްޓަަކައި ބަންދުކުރަންޖެހޭ ފަރާތްތައް މުޖުތަމައުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ރިހިބިލިޓޭޓްކޮށް މުޖުތަމައުއަށް ނެރުން ކަމުގައެވެ.

އެގޮތުން، ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ހަވާލުވެފައިވާ މަސްއޫލިއްޔަތަކީ ގައުމަށްޓަކައި، ވަތަނަށްޓަކައި، އާންމު ހަމަޖެހުމާއި، އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ވަރަށްވެސް މުހިއްމު މަސައްކަތެއްކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

" މިފަދަ މަސްއޫލިއްޔަތެއް އަދާކުރުމުގައި ގެންގުޅެންވާނެ ސިފަތަކާއި، ހަމަތައް އަބަދުމެ ހަނދާނަށް ގެނެސް ވީހާވެސް އިންސާފްވެރިކަމާއި، ހަމަހަމަކަމާއެކު އިހުސާންތެރިކަންމަތީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު ގޮވާލަން" އޮފިސަރުންނާ މުހާތަބުކުރައްވައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއާއެކު ރަނގަޅު މަސައްކަތްތަކެއްކޮށް، ޖަލުގެ ހާލަތު ރަނގަޅުކުރުމުގައި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ސިސްޓަމް ރަނގަޅު ކުރުމުގައި ކުރިއެރުންތަކެއް ހޯދޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.