ޔޫރޯ ކޮލިފައިންގައި ގްރީސް ބަލިކޮށް، އިޓަލީން ޔޫރޯ 2020ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އަމިއްލަ ގައުމުގައި ރޭ ކުޅުނު "ގްރޫޕު ޖޭ"ގެ މެޗުގައި ގްރީސް އަތުން އިޓަލީ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ އިޓަލީންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އިޓަލީން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އިޓަލީއަށް އެ ޕެނަލްޓީ ލިބުނީ ގްރީސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރޭސް ބޯކަލަކިސް އަތުގައި ބޯޅަ ޖެހުމުންނެވެ. އިޓަލީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ.
އިޓަލީން ވަނީ މެޗުގެ 78 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ލިއޮނާޑޯ ބޮނޫޗީ ދިން ބޯޅައަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފެޑެރިކޯ ބާނާޑެސްކީއެވެ.
އެ ގްރޫޕުގައި ކުޅުނު ހަތް މެޗުން ހޯދި 21 ޕޮއިންޓާއެކު އިޓަލީން ވަނީ ޔޫރޯ 2020ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ދެވަނައިގައި އޮތް ފިންލެންޑަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އަރްމޭނިއާ އަދި ހަތަރުވަނައިގައި އޮތް ބޮސްނިއާ އެންޑް ހެޒަގޮވީނާއަށް ހަތް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ގްރީސަށް ހަތް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ލީޗްޓެންސްޓެއިންއަށް ހަތް މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު "ގްރޫޕު އެފް"ގެ މެޗުގައި ނޯވޭ އަތުން 1-1ގެ ނަތީޖާއަކުން އެއްވަރުވުމާ ގުޅިގެން ސްޕެއިނަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. އެ މެޗުގެ 47 ވަނަ މިނެޓުގައި ސްޕެއިނަށް ސައުލް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ނޯވޭއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޯޝުއާ ކިންގްއެވެ.
އެ ގްރޫޕުގެ އެއްވަނައިގައި އޮތް ސްޕެއިނަށް ހަތް މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ދެވަނައިގައި އޮތް ސްވިޑަނަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ރޫމޭނިއާއަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ނޯވޭއަށް ހަތް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ފަސްވަނައިގައި އޮތް މަލްޓާއަށް ހަތް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ފެރޯ އައިލެންޑްސް ކުޅުނު ހަތް މެޗުން ވެސް ވަނީ ބަލިވެފައެވެ.
އިޓަލީއާއެކު މިހާތަނަށް ޔޫރޯ 2020 އިން ޖާގަ ކަށަވަރުކުރެވިފައިވަނީ ހަމައެކަނި ބެލްޖިއަމްއެވެ. ބެލްޖިއަމް އިން ވަނީ "ގްރޫޕު އައި"ގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެފައެވެ.