ޤާނޫނުގެ އެންމެ އަކުރަކަށް ވެސް ދިވެހި ފުލުހުން އިހުމާލު ނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމްދޫން ރަޝީދު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގައެވެ.
ސީޕީ ވިދާޅުވީ ޖުމްހޫރިއްޔާގެ އެއް މާނައަކީ ރައްޔިތުން ކަމަށާއި ޖުމްހޫރީ ވެރިކަމޭ ބުނެވޭ ބަހުގެ މަގުސަދަކީ ރައްޔިތުންގެ ފަރާތުން ވެރިކަން ކުރާނެ މީހަކު ރައްޔިތުން ކަނޑައަޅައި އެ މީހަކާ އެ އަމާނާތް މަތިކޮށްގެން ހިންގޭ ވެރިކަމެއް ކަމަށެވެ. އަދި މިފަދަ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިވެފައި އޮތުމާއި، ގައުމުގެ އެތެރޭގެ ސުލްހަ މަސްލަހަތާއި އަމާންކަން އޭގެ އެންމެ ތަނަވަސް މާނައިގައި ކަށަވަރުވެފައި އޮތުމީ މި ނިޒާމުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައި ވަނީ ވިދާޅުވެފައެވެ.
"ދިވެހި ފުލުހުންނަކީ މި ގޮތުން ރައްޔިތުންނަށް ބޭނުންވާ އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުމުގެ ގައުމީ ވާޖިބު ކޮނޑުއަޅައިގެން ތިބޭ މީހުން. ޖުމްހޫރީ ވެރިކަމާއި ފުލުހުންނާ ސީދާ ގޮތެއްގައި ގުޅޭ އެންމެ ހާއްސަ އެއް ހައިސިއްޔަތަކީ މިކަން ..." ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ ހިތާބުގައި ވިދާޅުވިއެވެ.
މި އަހަރަކީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށާއި މިއަދު ދިވެހި ގައުމު މި ފާހަގަ ކުރަނީ އެ ތާރީޚީ މުނާސަބާ ކަމަށް ވާއިރު ފާއިތުވި ދިގު މާޒީގައި ރާއްޖޭގެ ދާޚިލީ އަމްނު ޙިމާޔަތްކުރުމުގައި ދިވެހި ފުލުހުން އަދާކޮށްފައިވާ މުހިންމު ދައުރު އިހްސާސްކުރުމާ އެކު، މުސްތަގުބަލުގައި ފުލުހުން އަދާކުރާން އޮތް މަސްއޫލިއްޔަތާ މެދު ފިކުރު ހިންގައިލުން އެއީ ބޭނުންތެރިކަމެއް ކަމުގައި ދެކޭކަމަށް ސީޕީގެ ހިތާބުގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެ މިއަދު މިދަނީ ބޮޑެތި ބަދަލުތަކެއް ދެކެމުން ކަމަށާއި، އެހެންކަމުން މި ހަގީގަތްތަކުގެ ކުރިމަތީގައި ދިވެހި ފުލުހުންގެ ޒިންމާ އިންތިހާއަށް އިތުރުވެ ޚުތޫރަތްތެރިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަށް ބޭނުންވާ ޤާބިލުކަން އެތައް ގުނަޔަކަށް އިތުރުވާން ޖެހޭނެ ކަމަށް ވެސް ސީޕީ ގެ ހިތާބުގައި ފާހަގަ ކޮށްފައިވެއެވެ.
"ދިވެހި ފުލުހުންނަކީ ދިވެހީން. ދިވެހި ރައްޔިތުންގެ ދަރީން. ދިވެހި އާއިލާތައް. ދިވެހި ފުލުހުން އަބަދުވެސް ހިންމަތްކުރާނީ އަދި ހިތްމަތްކުރާންވީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް. ފުރިހަމަޔަށް މަސްއޫލިއްޔަތު އުފުލުމަށް. މަގުސަދަކީ އަމާން ސުލްހަވެރި ތަހުޒީބު ވެށްޓެއް ގާއިމުކުރުން." ސީޕީ ހަމްދޫން ރަޝީދުގެ ހިތާބުގައި ވިދާޅުވިއެވެ.