ޚަބަރު

ހިޔާލު ތަފާތުވުންތަކާއެކު އުޅެވެން ޖެހޭނެ، ނޫނީ ހަނގުރާމައިގެ އައްސޭރިއަށް ގޮސްފާނެ: ނަޝީދު

2

ހިޔާލު ތަފާތުވުންތަކާއެކު އުޅެވެން ޖެހޭނެ ކަމަށާއި ނޫންނަމަ ހަނގުރާމައިގެ އައްސޭރިއަކަށް ރާއްޖެ ގޮސްފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދު ރާއްޖޭގައި ދިމާވެފައިވާ އޮތް އެންމެ މުހިންމު ކަމަކީ ދީނީ ގޮތުން ރަނގަޅާއި ގޯހަކީ ކޮބައިކަން ނޭނގި ހިޔާލު ތަފާތުވުން އިންތިހާއަށް ގޮސްފައިވުން ކަމަށެވެ.

އެކަމާ ގުޅިގެން އެއްބަޔަކު އަނެއް ބަޔަކު ގޯސްކޮށް، ވަރަށް އަނިޔާވެރި ވާހަކަތަކެއް ދައްކަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ހިޔާލަކީ ތަފާތުވާނެ އެއްޗެއް ކަމަށާއި އެ ހިޔާލު ތަފާތުވުންތަކާއެކު ވެސް އެންމެންނަށް އުޅެވެންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެގޮތުގައި ދިވެހިންނަށް ނޫޅެވިއްޖެނަމަ ހަނގުރާމަ ހިނގަމުންދާ ގައުމުތަކުން ފެންނަފަދަ އިމާރާތްތަކުގެ ދެބައިކުޅާ އެއްބައި ވެއްޓި، ސިޓީތަކުންނާއި ޓައުންތައް ދޫކޮށް ބިކަހާލުގައި މައިންބަފައިންގެ އުނގުގައި ދަރިން ރޮމުންދާތަން މާލެއިން ފެނިދާނެ ކަމަށެވެ..

''ދަންނަވަން އޮތް ވާހަކައަކީ ހިޔާލު ތަފާތުވާނޭ. ރަނގަޅާއި ނުބައި ވެސް އެކި މީހުން އެކި ގޮތަށް ދެކޭނޭ. އެހެން ނަމަވެސް އެ ހިޔާލު ތަފާތުވުންތަކާއެކުގައި އެންމެނަށް އެކީގައި އުޅެވެން ޖެހޭނޭ. އަޅުގަނޑުމެން އެންމެނަށް އެކެއްގެ ހިޔާލު އެއީ ހަޖަމު ނުކުރެވޭ ހިޔާލެއް ކަމަށްވެ އެއާއެކީގައި ނޫޅެވޭ ތަނަށް ދިޔައީމާ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބަށް. އެއީ އަޅުގަނޑުމެން ދާން ބޭނުންވާނެ ތަނެއް ނޫން.'' ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެ މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށާއި އެހެންކަމުން ބުއްދިވެރިކަމާއި ވިސްނުންތެރި ކަމާއެކީގައި ކަންކަން ނުގެންގޮސްފިނަމަ ހަރާބުގެ އައްސޭރިއަށް ދިވެހިންގެ ޖީލު ގޮސްފާނެ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ޒިންމާއަކީ ސަލާމަތުގެ އައްސޭރިއަކަށް މި ރާއްޖެ ގެންގޮސްދިނުން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟