ޚަބަރު

އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވެ އަނިޔާކުރާ މައްސަލަ ހުށަހަޅާ މިންވަރު އަންނަނީ އިތުރުވަމުން: ޝިދާތާ

މަރިޔަމް ޝަހުދާ

އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވާ މައްސަލައާއި އެމީހުންނަށް އަނިޔާ ކުރާ މައްސަލަތައް މިނިސްޓްރީއަށް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުޑަކުދިންގެ ބަގީޗާގައި ބޭއްވި އާއިލީ ހަވީރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އުމުރުން ދުވަސްވީ މީހުންނަށް އެކި ކަހަލަ ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީ އަށް ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވާ މައްސަލަތަކާއި އެމީހުންނަށް ކުރާ އަނިޔާގެ މައްސަލަތައް އަދި ތަފާތު ކުރުމުގެ މައްސަލަ ހުށަހަޅާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މިހެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުން އައި ނަމަވެސް މިފަދަ މައްސަލަތަކުގައި އަމަލުކުރަން ރާއްޖޭގެ ސިސްޓަމަށް ބަލާއިރު، އެމީހުންނަށް އެންމެ ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުވޭނެ ގޮތެއް ނެތެވެ. ނަމަވެސް ސަރުކާރުން އެކަމަކަށް ހާއްސަ އިސްކަމެއް ދީގެން އުމުރުން ދުވަސްވީ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަން ހައްލު ކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ގާނޫނެއް ހަދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުވަސްވީ މީހުންގެ ތެރޭ ރާއްޖެއަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދެއްވާފައިވާ މީހުން ތިބިކަން ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ އެމީހުންގެ އުމުރުން ވަކި ހިސާބަކަށް ދިއުމުން މުޖުތަމައުގައި ހަވާސާވާ ބައެއްގެ ގޮތުގައި ތިބުމަކީ ނާއިންސާފެއް ކަމަށެވެ. އަދި އަބަދުވެސް އެފަރާތްތަކުގެ ތަޖުރިބާއާއި ވިސްނުން ހިއްސާވެ ފެންނާނެ ފަދަ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''މުޖުތަމައުގައި އުމުރުން ދުވަސްވީ ގިނަ މީހުންނަކީ ޒަމާންތަކެއް ވަންދެން ގައުމަށް އެކި ގޮތްގޮތުން ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބައެއް. އެމީހުން ކޮށްދިން ހިދުމަތްތަކާ އެމީހުންގެ އެ ކޮންޓްރިބިއުޝަނާއެކީ އުމުރުގެ ވަކި ހިސާބަކަށް ދިޔައިމަ މުޖުތަމައުން ހަވާސާ ބައެއްގެ ގޮތުގައި އެމީހުން ތިބުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލެއް ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން އެބަޖެހޭ އިންތިޒާމުތައް ހަަމަޖައްސަން، އެފަރާތްތަކުގެ ވިސްނުމާއި ތަޖުރިބާ އަބަދު އަޅުގަނޑުމެންނަށް ހިއްސާވެ، އަދި އޭގެ ފައިދާ އަބަދުވެސް އަޅުގަނޑުމެންނަށް ކުރާނެ ގޮތަށް އަޅުގަނޑުމެންގެ ކަންކަން ހުންނަން.''

ބައިނަލްއަގުވާމީ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ދުވަސް 1990 ވަނަ އަހަރު ފާހަގަ ކުރަން ފެށީ ދުވަސްވީ މީހުން ތަފާތު ކުރުންތައް ތަހައްމަލު ކުރަމުން ދާތީ އެކަމާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުންނެވެ.