އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައި މިވަނީ، އިސްލާމްދީނަަށާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.
އަދި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށާއި ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އެމްޑީޕީން އަބަދުވެސް ގަބޫލުކުރާނެ ކަމަށެވެ.
ނަމަވެސް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައެވެ.
"އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން އަމަލު ކުރެވުމެވެ. ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާޢާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރިކޮށް އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ، ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ވެސް ނޯންނާނެ ކަމަށެވެ.
އަދި އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ތަހުގީގުކޮށް ގާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ.،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ބުނީ، ޖަލްސާތަކުގައާއި އެކިއެކި ފޯރަމްތަކުގައާއި މީސްމީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ އެޕާޓީ ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށާއި އެފަދަ ހަރުކަށި އަމަލުތަކަކީ އެޕާޓީން އަބަދުވެސް ކުށްވެރިކުރާ އަމަލުތަކެއް ކަމަށެވެ.