ޚަބަރު

ރާއްޖެއަށް އިތުރު 100 އެމްބިއުލާންސް ގެނައުމުގެ މަސައްކަތްދަނީ ކުރަމުން: މިނިސްޓަރު

މަރިޔަމް ޝަހުދާ

1

ރާއްޖެއަށް އިތުރު 100 އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނަށް އެމްބިއުލާންސް ހަމަކުރުމުގެ ގޮތުން ރަށްރަށަށް އެމްބިއުލާންސް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހެލްތް މިނިސްޓްރީން މިހާތަނަށް މަސައްކަތް ކުރަމުން އައީ ރާއްޖޭގެ ހުރިހާ ރަށަކަށް ކޮންމެ ދުވަހަކު ބޭނުންކުރެވޭ ފެންވަރުގެ އެންބިއުލާންސެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މިހާތަނަށް 21 އެމްބިއުލޭންސެއް ރާއްޖެ ގެނެވިފައިވާއިރު މިއަހަރުގެ ތެރޭގައި އިތުރު 25 އެމްބިއުލާންސެއް ރާއްޖެއަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ހެލްތް މިނިސްޓްރީން މަސައްކަތް ކުރަނީ އެންމެ މަތީ ފެންވަރުގެ އިތުރު 100 އެމްބިއުލޭންސް ގެނައުމަށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދުގެ ރަސްމިއްޔާތުގައި ރަށްރަށަށް ފޮނުވި އެމްބިއުލާންސްތަކަކީ ޖަޕާނު ސަރުކާރުގެ އެހީގައި ގެނެސްފައިވާ އެންމެ މަތީ ފެންވަރުގެ އެމްބިއުލާންސްތަކެއް ކަމަށާއި މި އުޅަނދުތަކުގައި އަވަސް ފަރުވާ ދެވޭނެ އާލާތްތައް ވެސް ހުންނާނެ ކަމަށެވެ. އެހެންކަމުން، އެމްބިއުލާންސްތައް މެންޓެއިންކޮށް ބެލެހެއްޓުމުގެ އިތުރުން، ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އަދި މި ސަރުކާރަކީ ހަމައެކަނި ރިބަން ކަނޑާލައިގެން ނިންމާލަން ބޭނުންވާ ސަރުކާރެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، ހުރިހާ ރަށެއްގެ އެމްބިއުލާންސް ތަކަކީ ކޮންމެ ދުވަހަކު ބޭނުން ކުރެވޭނެ ހާލަތެއްގައިހުރި އެމްބިއުލާންސްތަކަށް ހެދުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖުމްލަ 25 ރަށަކަށް އެމްބިއުލާންސް ވަނީ ހަވާލުކޮށްފައެވެ. އޭގެތެރޭގައި މީގެ ކުރިން އެމްބިއުލާންސެއް ނެތް ހަތަރު ރަށެއް ވެސް ހިމެނެއެވެ. އެއީ ށ.ނޫމަރާ، ބ.ފުޅަދޫ، ބ.ފެހެންދޫ އަދި ބ.ކިހާދޫ އެވެ. މި ހުރިހާ ރަށަކަށް ވެސް އެމްބިއުލޭންސް ހަވާލު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަމީނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟