ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ.
ކުޑަކުދިންގެ ބަގީޗާގައި ބޭއްވި އާއިލީ ހަވީރަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުވަނީ އެތަނުގައި ހުޅުވާފައި ހުރި އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.
އުމުރުން ދުވަސްވީ މީހުންނަށް އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ޖެންޑާ މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި މި ހަވީރުގައި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ޖުމްލަ 17 ސްޓޯލެއް ގާއިމްކޮށްފައިވެއެވެ.
އަދި ސްޓޯލްތަކުގައި އުމުރުން ދުވަސްވީ މީހުންނަށް އާއިލާއާއެކު ބައިވެރިވެވޭ ގޮތަށް ތަފާތު ކުޅިވަރުތައް އިންތިޒާމު ކުރެވިފައިވާއިރު ބައެއް ސްޓޯލް ތަކުގައި ސިއްހީ ބައެއް ޓެސްޓްތައް ކޮށްލުމުގެ ހިދުމަތާއި އުމުރުން ދުވަސްވީ މީހުންނަށް މުހިންމު ތަފާތު އެކިއެކި މައުލޫމާތު ފޯރުކޮށްދިނުން ފަދަ ކަންކަން ވެސް ހިމަނާފައިވެއެވެ.